Thursday, 18 April 2024

ޔާމީންގެ ކެންޑިޑެސީ ފޯމް މާދަމާ ހުށަހަޅަނީ

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕީޕީއެމުން މިރޭ ހާމަކުރައްވައިފިއެވެ.

ޕީޕީއެމްއިން ވިދާޅުވީ، މާދަމާ ހެނދުނު 10 ޖަހާއިރު، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އީސީ އަށް ހުށަހަޅާނެ ކަމަށާއި، އެ ހަރަކާތުގައި ބައިވެރިވުމަށް އާއްމުކޮށް ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު ދެއްވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އޮތްއިރު، ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތު ގެއްލޭ ކަމެކެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީ ޝަރީއަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންވެއްޖެ ނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލިގެންދާނެއެވެ.

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުއެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *