ރިޔާސީ ކެމްޕެއިނަށް ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި

މި ފަސް އަހަރު ސިޔާސީ ބޭނުމަށް މީހަކު ހައްޔަރެއް ނުކުރޭ: ރައީސް

މި ފަސް އަހަރު ނިމިގެންދަނީ، އެއްވެސް މީހަކު ސިޔާސީ ބޭނުމަށް ހައްޔަރު ނުކޮށް ކަމަށާއި، ނޫސްވެރިޔަކު ޖަލަކަށްނުލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާކަށްނުޖެހި ކަމަށާއި، އެހެންނަމަވެސް ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ބެލީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ ގައުމަށް ތަރައްގީ ގެނައުމަށް ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ހަމަޖެހުމާއި ސުލްހަވެރިކަން. ސިޔާސީ ހަމަނުޖެހުމުން އެއްކިބާވެ ތިބެ، ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރަން ފުރުސަތު ލިބުން. ރައްޔިތުން ބޭނުންވެފައި ތިބި އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް އޭގެ ސަބަބުން ކުރެވެމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.

އިތުރު ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، ސަރުކާރުން މިހާރު ނަގަމުންދާ ލޯނުތައް އެ ދައުރުގައި ދައްކަވައި ނިންމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ތިން އަހަރު ފަހުން ދައުލަތުގައި ފައިސާ ހުންނާނެ ކަމަށާއި ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ 2028 ގައި އަންނަ ވެރިޔަކަށް ލޯނު ދައްކަން މަތިނުކުރައްވާނެ ކަމަށެވެ.

"2026 ވަނަ އަހަރުގެ ފަހުން ދިވެހި ދައުލަތުގައި ހުންނާނެ ފައިސާ ލޯނު ދައްކާނެ ވަރަށް. އަޅުގަނޑުގެ ދެ ވަނަ ދައުރުގައި އިރާދަކުރެއްވިއްޔާ ނިމިގެންދާނީ މި ދެންނެވި ލޯނު ދައްކަން ދެން އަންނަ ސަރުކާރަކަށް ނުޖައްސައި. އެކަން ވެސް ހަމައަކަށް އަޅުވާނަން،"

ރައީސް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހުގެ އިތުރުން ވާދަ ކުރައްވަނީ، ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންވެސް ކުރިމަތިލައްވާނެ ކަމަށް ދާދި ފަހުން ވަނީ އިއުލާންކުރައްވާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު