Friday, 11 October 2024

އޮންލައިންކޮށް ރީރެޖިސްޓަރ ކުރުމުގެ މުއްދަތު، އަންނަ ބުދަ ދުވަހަށް އިތުރުކޮށްފި

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ނަމަ އޮންލައިންކޮށް ރީރަޖިސްޓާ ކުރުމަށް ހުޅުވާލި މުއްދަތު، އިލެކްޝަންސް ކޮމިޝަނުން އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

އޮންލައިންކޮށް ރީރަޖިސްޓާ ކުރަން ކުރިން ހުޅުވާލި މުއްދަތު ރޭ 12:00 ޖަހާއިރުގެ ނިޔަލަށް ހަމަވެފައިވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ މިހާރު އެ މުއްދަތު އޮގަސްޓް 2، ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

ރީރަޖިސްޓްރީ ކުރުމަށް އެ ކޮމިޝަނުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރީރަޖިސްޓާކުރާ ގޮތަށް ހަމަޖެހި އެ ފުރުސަތު ބުދަ ދުވަހާ ހަމައަށް އޮތް ނަމަވެސް، ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ރަޖިސްޓްރީވި މީހުން ރިޔާސީ އިންތިހާބުގައި ވެސް އޮޓެމެޓިކުން އޮންނާނީ މާލޭގައި ވޯޓުލާ ގޮތަށް ރަޖިސްޓްރީކޮށްފައި ކަމަށްވެސް އެކޮމިޝަނުން ހާމަކުރައްވައެވެ.

އެހެންކަމުން މި ފަހަރު މާލޭގައި ވޯޓުލާން ބޭނުންވާ އެހެން ރަށްރަށުގެ ރަށްވެހީން ރީރަޖިސްޓާކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭރު މާލޭގައި ވޯޓުލާފައި މި ފަހަރު އެހެން ތަނެއްގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހޭނެ އެވެ. އަދި، އޭރު އެހެން ތަނެއްގައި ވޯޓުލާފައި މި ފަހަރު މާލޭގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހޭނެއެވެ.

މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައިވާއިރު، މި ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 9،000 އެއްހާ މީހުން ރީޖިރަސްޓްރީވެފައިވާއިރު، މިއީ ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެެއް ކަން ފާހަގަކުރެވެއެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހުގެ އިތުރުން ވާދަ ކުރައްވަނީ، ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންވެސް ކުރިމަތިލައްވާނެ ކަމަށް ދާދި ފަހުން ވަނީ އިއުލާންކުރައްވާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު