މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޙަފްލާ

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ އެބަ ފެނޭ: ނަސީމް

މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ނަތީޖާ ފެންނަމުންދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި  ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ނަސީމް ވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީ، އެން.ޑީ.އޭގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް 5 މެއި 2021 ގައި ރައީސް ޞާލިޙު ނިންމެވި ނިންމެވުމަކީ، ނިކަމެތިވެފައި އޮތް މިދާއިރާ ނަގާ ކޮޅަށް ޖަހާ، ދުރު މުސްތަޤުބަލަށް ރޭވުންތައް ރާވާ، އަސްލު މައްސަލައިގެ ހައްލު ހޯދުމަށް އެތައް ގޮތަކަށް ބަލަން ފުރުސަތު ހުޅުވިގެންދިޔަ މުހިންމު ނިންމެވުމެއްކަމަށެވެ.

އެން.ޑީ.އޭގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި ކަންކަން ރޭވުމަށާއި، އިސްލާޙީ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންވި ފަންނީ އަދި އިތުރު އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ޑަބްލިއު.އެޗް.އޯއާއި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން  ފާހަގަކުރައްވަމުން، އަދި އެން.ޑީ.އޭ ހެލްތު މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެ ޙާލަތާ ގުޅޭ ޞައްޙަ މަޢުލޫމާތު ހުށަހެޅުމާއި، ގެނެވެމުންދާ އިސްލާޙްތަކާއި ޕްލޭންތައް ރައްޔިތުންގެ މަޖިލީހުގެ މިކަމާ ގުޅޭ ކޮމިޓީ މެންބަރުންގެ ލަފާއާއި އިރުޝާދާއެކު ބިނާ ކުރުމާއި، މަސައްކަތް ކުރިއަށް ދާ ގޮތުގެ މަޢުލޫމާތު އެ ކޮމިޓީތަކަށް ހުށަހެޅުމުގެ ސަޤާފަތެއް އުފެއްދުނުކަން މިނިސްޓަރ ވިދާޅުވިއެވެ.

"ނޭޝަނަލް ޑްރަގް އޭޖެންސީ މިއަދު މިދެކޭ ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކަންކަން ތަރުތީބު ކުރެވިއްޖެ. ކުރިއަށް ކުރަންހުރި ކަންކަން ދެނެގަނެވިއްޖެ. މިހާރު ކުރިއަށް މިދަނީ، ތަންފީޒީ މަރުހަލާ. އުއްމީދުން ފުރިގެންވާ ދުވަސްތައް އަޅުގަނޑުމެނާއި އަރާ ހަމަކުރާ ވަގުތު މާތް ﷲ ގެ އިރާދަ ފުޅާއެއެކު ވަރަށް ގާތްވެއްޖެ"

ނަސީމް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ބަދަލުވާތަން ފެންނަމުންދާކަމަށާއި، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މިކަން ކުރިއަށް ގެންދެވިއްޖެނަމަ، އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން ފަރުވާއަށް ފުރުސަތު ލިބިގެންދާނެކަމަށް ނަސީމް ވިދާޅުވިއެވެ.

ޑަބްލިއު.އެޗް.އޯގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށްޓަކާ ތައްޔާރުކޮށްފައިވާ "ސިޓުއޭޝަނަލް އެނާލިސިސް އޮފް ޑްރަގްސް އިން ދަ މޯލްޑިވްސް 2021″ ރިޕޯޓު ހެލްތު މިނިސްޓަރ އަޙްމަދު ނަސީމަށް ވަނީ އަރުވާފައެވެ. އަދި މި ޙަފްލާގައި މިނިސްޓަރ ނަސީމް ވަނީ ނޭޝެނަލް ޑްރަގް އޭޖެންސީ، ރީ-ބްރޭންޑްކޮށް، އެ އެޖެންސީގެ އައު ލޯގޯއާއި ކުލަ އިފްތިތާޙްކޮށްދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު