ޝަރުއީ ދާއިރާ އިސްލާހުކުރަން މިހާރު މިއޮތް ސަރުކާރުގެ އިސްބޭފުޅުން ވެވަޑައިގަތް ވައުދު ފުއްދާފައިނުވާ ކަމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ހޯމަދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން އެޕާޓީގެ މައިޖަގަހަ "ކުނޫޒް" ގައި، ބޭއްވި "ހާސްކަނޑާލާ ހަމަޖެހޭނެ!" ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ހައިލަމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި އެހެން ސަރުކާރުތަކާ ހިލާފަށް ފަޑިޔާރުގެއަށް އަތެއް ނުބާނާނެ ކަމަށެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމްގެ ވިސްނުންފުޅަކީ މިނިވަން ފަނޑިޔާރުގެއެއް ޤާއިމްކުރުން ކަމަށް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ، ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ކިޔެވުމުގެ ފުރުސަތުވެސް އެއާއެކު ލިބިގެންދާނެ ކަމަށާއި އެހެންކަމުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޤާސިމް އިބްރާހީމަށް މިއިންތިހާބުގައި ވޯޓުދެއްވަންޖެހޭ ކަމަށެވެ.
ހައިލަމް ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކުރިޔަށްގެންދެވޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
"ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި އެހެން ސަރުކާރުތަކާއި ހިލާފަށް ފަޑިޔާރުގެއަށް އަތެއް ނުބާނާނެ. ގާސިމްގެ ވިސްނުންފުޅަކީ މިނިވަން ފަނޑިޔާރުގެއެއް ގާއިމްކުރުން. ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ކިޔެވުމުގެ ފުރުސަތުވެސް އެއާއެކު ލިބިގެންދާނެ. އެހެންކަމުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގާސިމަށް މި އިންތިހާބުގައި ވޯޓުދެއްވާ. އިންސާފުވެރި އިންތިހާބެއް ކުރިޔަށްގެންދެވޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލަން."
ހައިލަމް ވިދާޅުވިއެވެ
ހައިލަމް ވިދާޅުވި ގޮތުގައި، ޖޭއެސްސީ އިސްލާހު ކުރަން މަސައްކަތް ކުރާކަން ދެއްކުމަށްޓަކައި، މަޖިލިސް "ތަޅު އަޅުވައިފައި" އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ވެއްދިއިރު، އިހްލާސްތެރިކަމެއް ހުރިނަމަ، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ޝަރުޢީ ދާއިރާ އޮންނާނީ އިސްލާހު ކުރެވިފައި ކަމަށެވެ.
ހައިލަމް އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.



