ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅަން ވަޑައިގަންނަވަނީ

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން ނިންމާފައި ވަނީ ރައީސް ޔާމީނަކީ މިވަގުތު ވެސް ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ، އެމަނިކުފާނަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމުގައެވެ.

އީސީން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރިއިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

"ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު ދުވަހުގެ) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް"

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ވަނީ، ނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައި ނުގެންފިނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

އިންތިހާބަށް ކުރިމަތިލާން އޮތް މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެސީ އާއިމެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް ޖަވާބު ނުލިބިދާނެތީ،  ބެކަޕް ޕްލޭންގެ ދަށުން ޕީއެންސީން ކެންޑިޑޭޓަކު ކަނޑައަޅަން ރައީސް ޔާމީން އިއްޔެ އެދިވަޑައިގެންނެވިއެވެ. އެކަމާގުޅިގެން ޕީއެންސީ އިން ނިންމީ އެޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ރައީސް ޔާމީނަށް ދިނުމަށެވެ.

ގުޅުންހުރި:

ޔާމީންގެ ކެންޑިޑެސީއާ މެދު މިއަދު އީސީއިން ގޮތެއް ނިންމަވަނީ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު