29 އެޕްރީލް 2025

އީސީ އޮތީ ސަރުކާރުގެ ނުފޫޒްގައި ތާށިވެފައި: ޑރ ޖަމީލް

އިލެކްޝަން ކޮމިޝަން ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތާށިވެފައިވާ ކަަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ

އަންނަ ސެޕްޓެންބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދު ހެނދުނެވެ. ނަމަވެސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައ އީސީން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމް ބަލައިނުގަތުމަށް ނިންމަވާފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށްވެސް ވިދާޅުވިއެެވެ.

"ހީކުރި ގޮތަށް އީސީ ވަނީ ސަރުކާރުގެ ނުފޫޒްގެ ދަށުގައި ތާށިވެފައި. ޤާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ. ޙައްޤަށް ނަސްރު ލިބޭނެ.".

ޑރ. ޖަމީލް ވިދާޅުވިއެވެ.

"ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު ދުވަހުގެ) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް"

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ވަނީ، ނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައި ނުގެންފިނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

އިންތިހާބަށް ކުރިމަތިލާން އޮތް މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެސީ އާއިމެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް ޖަވާބު ނުލިބިދާނެތީ،  ބެކަޕް ޕްލޭންގެ ދަށުން ޕީއެންސީން ކެންޑިޑޭޓަކު ކަނޑައަޅަން ރައީސް ޔާމީން އިއްޔެ އެދިވަޑައިގެންނެވިއެވެ. އެކަމާގުޅިގެން ޕީއެންސީ އިން ނިންމީ އެޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ރައީސް ޔާމީނަށް ދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު