މުސްޙަފް އަންދާލުމާދެކޮޅަށް އަފްޣާނިސްތާނުގައި ކުރި މުޒާހަރާގެ ތެރެއިން

ސްވިޑެންގައި އަނެއްކާ ވެސް މުޞްޙަފުގައި ހުޅުޖަހައިފި

ސްވިޑެންގެ ވެރިރަށް ސްޓޮހޯމްގައި ހުންނަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ޢިމާރާތުގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގައި އަނެއްކާ ވެސް ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތް ކެނޑުމުގެ ގޮތުން މުޞްޙަފުގައި ހުޅުޖަހައިފިއެވެ. މި ނުބައި އަމަލު ހިންގާފައި ވަނީ އިރާޤުން ސްވިޑެންއަށް ހިޖުރަކޮށްފައިވާ ހައްދުފަހަނަ އެޅި ދެ މީހުންނެވެ. މުމީކާއި ނަޖުމު ކިޔާ ދެ ނަމެވެ.

މިއަހަރުގެ ޖޫން މަހު ވެސް އެ ދެ މީހުން ވަނީ ސްޓޮކްހޯމްގެ ހުންނަ މައި މިސްކިތުގެ ކުރިމަތީގައި މުޞްޙަފެއްގެ ހުރުމަތް ކަނޑާފައެވެ. އަދި، ޖުލައި މަހުގެ 20 ވަނަ ދުވަހު ވެސް އެ ފަދަ އަމަލެއް ތަކުރާރު ކޮށްފައެވެ. އެ އަމަލުތަކާ ގުޅިގެން މުޅި މުސްލިމް އުންމަތުގެ ނުރުހުމާއި ފާޑުކިޔުންތައް ސްވިޑެނަށް އަމާޒުވިއެވެ.

މި ހަޑި މުޑުދާރު އަމަލުތައް ހިންގާފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުންނެވެ. އެ ދެ މީހުން ބުނީ، މުޞްޙަފުގެ ހުރުމަތް ކެނޑުމާއި، ކީރިތި ޤުރުއާނާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ބޭނުމަކީ ސްވިޑެންގައި ކީރިތި ޤުރުއާން މަނާ ކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ބާރު އެޅުން ކަމުގައެވެ.

އެދެ މީހުން ހުރުމަތް ކެނޑުމަށް ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީސް ކުރިމަތީގައި ބޭއްވި ހަރަކާތާ ދެކޮޅަށް ވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އަޑުއުފުލާފައެވެ. އަދި، ކީރިތި ޤުރުއާނުގެ މުޞްޙަފުތައް ހިފައިގެން ތިބި މީހުން ވަނީ މުޞްޙަފުގެ ހުރުމަތް ކެނޑުމުގެ އަމަލު ނުހިންގުމަށް އެ ދެ މީހުންނަށް ގޮވައިލާފައެވެ.

ސްވިޑެންގައި އަނެއްކާ ވެސް މުޞްޙަފެއްގެ ހުރުމަތް ކެނޑުމުގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅިގެން މުސްލިމް އުންމަތުން ދަނީ އެ އަމަލު ކުށްވެރިކުރަމުންނެވެ. އަދި، އެ ކަމާ މެދު ނުރުހުން ފާޅު ކުރަމުންނެވެ.

ސްވިޑެންގައި މުޞްޙަފުގެ ހުރުމަތް ކެނޑުމާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)ން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެ އަމަލު ހިންގުމުގެ ފުރުޞަތު ސްވިޑެންގެ ސަރުކާރުން ދޭތީ އެ ކަމާ ކަންބޮޑުވުމާއި ހިތާމަ ފާޅުކޮށްފައެވެ. އަދި، 57 މެންބަރު ޤައުމު ހިމެނޭ އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އިބްރާހީމް ޠާހާ ވަނީ އެ ފަދަ އަމަލުތައް ހިންގުމުގެ ފުރުޞަތު ދިނުން ހުއްޓައިލުމަށް ސްވިޑެނާއި ޑެންމާކު ސަރުކާރަށް ގޮވައިލައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު