Friday, 11 October 2024

މެމްބަރުންގެ އަދަދު މަދުކުރަން ޑިމޮކްރެޓްސްއިން އިޞްލާޙެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް، މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް، ދަ ޑިމޮކްރެޓްސްއިން މަޖިލީހަށް ހުށަހަޅައިފިއެވެ.

"މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގެ ދަށުން ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، އިލްޔާސް ލަބީބެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު 87 މެމްބަރުން ތިބަވާއިރު، އެއީ ކޮންމެ 5,000 މީހަކު ތަމްސީލުކުރާ ގޮތަށް އިންތިޚާބުކޮށްފައިވާ މެމްބަރުންނެވެ. އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހަށް، ހަ ދާއިރާ އިތުރުވެ، މެމްބަރުންގެ އަދަދު 93 އަށް އަރާނެކަމަށް އިލެކްޝަންސް ކޮމިޝަންއިން އޮތީ ހާމަކޮށްފައެވެ.

ކުރިން ޤާސިމް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށެވެ. މި އިސްލާހު ހުށަހެޅުއްވި ސަބަބެއްކަމަށް އެމަނިކުފާނު ބަޔާންކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދަކަށް ވުމެވެ. އަދި އެއީ އިޤްތިޞާދީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ނަމަވެސް، އިލްޔާސް ހުށަހަޅުއްވާފައިވަނީ، 7 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 އަށް މަދުކުރުމަށެވެ. އެއީ މިހާރުގެ މަޖިލީހަށްވުރެ 11 މެމްބަރުން މަދު އަދަދެކެވެ.

ޑިމޮކްރެޓުން ނިންމާފައިވަނީ އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާ 55 ގޮނޑި، ރާއްޖެ އުތުރު, ހުޅަނގު, މެދު އަދި ދެކުނު ސަރަހައްދަށް ބަހާލައި ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން މެމްބަރުން އިންތިހާބުކުރާށެވެ. އަދި މީގެ ތެރެއިން އަންހެނުންނަށް ހާއްސަ 8 ގޮނޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި ހިމެނުމަށްވަނީ ނިންމާފައެވެ. މިއާއެކު ދައުރުގެ ތެރެއިން މެމްބަރަކު ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކުރާ ދާއިރާއެއްގެ ރައްޔިތުންނަށް ފެނިއްޖެ ހިނދެއްގައި މެމްބަރު ވަކިކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެގޮތެއް ގާނޫނުގައި ކަނޑައެޅުމަށްވެސް ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމެނެއެވެ.

އަންހެނުންނަށް ހާއްސަ ދާއިރާތަކެއް ނުވަތަ ގޮނޑިތަކެއް ޤާނޫނުގައި ކަނޑައެޅި ބަޔާންކުރުމުގެ ބޭނުމަކީ، މަޖިލީހުގައި އަންހެން މެމްބަރުންގެ އަދަދު މަދުވުމާއި، މަޖިލީހަށް އަންހެން މެމްބަރުން އައުމަށް ދަތިތަކެއް ހުރުމުން ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަންހެން މެމްބަރުންނަށް ހާއްސަކުރަނީ، ރާއްޖޭގެ ހަތަރު ސަރަހައްދަކުން، ކޮންމެ ސަރަހައްދަކުން އަންހެން ދެ މެމްބަރުން އިންތިޚާބުކުރާ ގޮތަށްކަން އިލްޔާސް ހާމަކުރެއްވިއެވެ. އެ ދާއިރާތަކަށް ކުރިމަތިލެވޭނީ އަންހެނުންނަށް އެކަނިކަމަށް އިލްޔާސް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުން ގަޑިޖެހޭ ގޮތާއި މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ޝަރުތުތައް ގާނޫނުގައި ހިމެނުމަށް ވެސް ޑިމޮކްރެޓުން ކަނޑައަޅާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު