މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވަައިފި

ޕީޕީއެމްގެ ނައިބް ރައިސްކަމުގެ މަގާމުގައި ހުންނެވި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ޕީޕީއެމް ދޫކުރައްވައި ޕީއެންސީއަށް ސޮއި ކުރަައްވައިފިއެވެ.

ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު މުއިއްޒު  ވިދާޅުވެފައިވަނީ، ޕީއެންސީގެ ކެންޑިޑެސީ އަށް ވާދަކުރަން ނިންމެވީ، ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، އެ މަނިކުފާނު ޖަލުން މިނިވަން ކުރުމަށް ކަމުގައެވެ.

ޕީއެންސީން މިއަދު ހެނދުނު ބޭއްވި ސެނެޓު ބައްދަލުވުމުގައި ނިންމީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ވާދަކުރުމަށާއި ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު މި ވަގުތަށް ސެނެޓަށް ދިނުމަށެވެ. އަދި ކެންޑިޑޭޓު ކަމަށް ކުރިމަތިލުމަށް މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އިދިކޮޅު ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނަވަން ސެނެޓުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް މިއަދު ހެނދުނު މަޢުލޫމާތު ލިބިފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެކަމަށް ވަކި ގޮތެއް ނިންމަވާނީ ރައީސް ޔާމީން ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޕީއެންސީ އަކީ ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، ޔާމީންގެ ފުރިހަމަ ތާޢީދާއެކު އުފެއްދެވި ދެވަނަ ޕާޓީއެވެ. އެ ޕާޓީ ހިންގަނީ ޕީޕީއެމްގެ އޮފީހުގައެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ބައިވެރިޔަކީވެސް ހަމައެކަނި ޕީއެންސީއެވެ.

އިދިކޮޅު ޕީޕީއެމާ އެކު އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ވެސް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން، އެ ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ޚަބަރު ފެތުރުނެވެ.

ޔާމީން ވަނީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓު ނެރުމަށް ނަންތަކެއް އެ މަނިކުފާނަށް ފޮނުވައިދިނުމަށް އެ ކޯލިޝަންގެ ލީޑާރޝިޕުގައި އެދިފައިވާ ކަމަށާއި، އެހެންވެ، އެ ކަމުގެ މަޝްވަރާތައް ޕީޕީއެމްގެ މައި އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ކަމަށް ވެސް މައުލޫމާތު ލިބުނެވެ.

ރައީސް ޔާމީންގެ އިސްތިޢުނާފުގެ މައްސަލައަށް ގޮތެއް ނުނިމޭތީ، ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ތަފްސީލް އަންނަނީ..

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު