Tuesday, 23 July 2024

ޕީއެންސީގެ ކެންޑިޑޭޓް ހޮވުން މިއަދު ހަވީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭނުންފުޅުވެގެން އުފައްދަވާފައިވާ ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައި، އިންތިހާބު މިއަދު ހަވީރު ބާއްވަން ޕީއެންސީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.

ޕީޕީއެމް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިއަދު 14:00 ގެ ކުރިން ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިއަދު 16:00 ގައި ވޯޓް ނެގުން އޮންނާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ޕީއެންސީން މިއަދު ހެނދުނު ބޭއްވި ސެނެޓު ބައްދަލުވުމުގައި ނިންމީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ވާދަކުރުމަށާއި ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު މި ވަގުތަށް ސެނެޓަށް ދިނުމަށެވެ.

އިދިކޮޅު ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނަވަން ސެނެޓުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް މިއަދު ހެނދުނު މަޢުލޫމާތު ލިބިފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެކަމަށް ވަކި ގޮތެއް ނިންމަވާނީ ރައީސް ޔާމީން ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޕީއެންސީ އަކީ ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، ޔާމީންގެ ފުރިހަމަ ތާޢީދާއެކު އުފެއްދެވި ދެވަނަ ޕާޓީއެވެ. އެ ޕާޓީ ހިންގަނީ ޕީޕީއެމްގެ އޮފީހުގައެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ބައިވެރިޔަކީވެސް ހަމައެކަނި ޕީއެންސީއެވެ.

އިދިކޮޅު ޕީޕީއެމާ އެކު އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ވެސް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން، އެ ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ޚަބަރު ފެތުރުނެވެ.

ޔާމީން ވަނީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓު ނެރުމަށް ނަންތަކެއް އެ މަނިކުފާނަށް ފޮނުވައިދިނުމަށް އެ ކޯލިޝަންގެ ލީޑާރޝިޕުގައި އެދިފައިވާ ކަމަށާއި، އެހެންވެ، އެ ކަމުގެ މަޝްވަރާތައް ޕީޕީއެމްގެ މައި އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ކަމަށް ވެސް މައުލޫމާތު ލިބުނެވެ.

ރައީސް ޔާމީންގެ އިސްތިޢުނާފުގެ މައްސަލައަށް ގޮތެއް ނުނިމޭތީ، ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު