އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކަށްވެސް ގިނަ ވެގެން ޚަރަދުކުރެވޭނީ ގިނަވެގެން 564 މިލިއަން ރުފިޔާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ ކެނޑިޑޭޓުން އިންތިޚާބަށް ޚަރަދުކުރަންވާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުންކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު 282395 މީހުންނަށް ލިބިފައިވެއެވެ. އެގޮތުން، ކޮންމެ ކެނޑިޑޭޓަކަށްވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އެންމެ ގިނަވެގެން ޚަރަދުކުރެވޭނީ ފަސް ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން، ހަތްލައްކަ ނުވަދިހަ ހާސް ރުފިޔާއެވެ.
އިންތިޚާބުތަކާއިބެހޭ އާއްމު ޤާނޫނުގައި ވަނީ، ރިޔާސީ އިންތިޚާބާއި ގުޅިގެން ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ކެނޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެ ކަމަށެވެ.
ހަބީބު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނީ ޝަޚުޞަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ އެގާރަ މިލިއަން، ދެލައްކަ ނުވަދިހަ ފަސްހާސް، އަށް ސަތޭކަ ރުފިޔާ ކަމަށެވެ.
ޤާނޫނުގައިވާ ގޮތުން މި ފައިސާ ލިބުނު ފަރާތާއި، ލިބުނު ގޮތާއި، ލިބުނު ޢަދަދުގެ ރެކޯޑުތައް އެ ކެނޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ވާނެކަމަށާއި، ކެނޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރު ކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.
ޤާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިޚާބު ނިމުމުން، އިންތިޚާބަށް ކުރި ޚަރަދުތަކުގެ ތަފްސީލާއި، އެ ފައިސާ ލިބުނުގެ ގޮތުގެ ތަފްސީލްތަކުގެ މާލީ ބަޔާންތައް، ޤާނޫނާއި އެއްގޮތަށް އޮޑިޓްކުރުމަށްފަހު ކެނޑިޑޭޓުން ހުށަހަޅުއްވަންޖެހެވެ..
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އަންނަ ހޯމަދުވަހު އެ ފުރުސަތު ބަންދުވާނެއެވެ.