Friday, 11 October 2024

ވާހަކަ: ހަހަރުވެތި ކަމަނާ (ހަތަރުވަނަ ބައި)

ދެލިބެ ގޮސް މިވާހަކަ ބުނުމުން ހީވީ ޤިޔާމަތެއް ލައިގެންހެންނެވެ. ރޯމީހުން ރޮނީއެވެ. ބައެއްމީހުން މޭގައި އަތްއަޅައިގެން ދެކޮޅަށް ދުވަން ފެށިއެވެ. ދެލިބެ ޒުބޭރު ދެއްކި ވާހަކަތައް މުދިންބެއަށް އޮޅުން ފިލުވައިދިނުމުން މުދިންބެވެސް ޒުބޭރަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނާއި ފޭރޭމީހުންގެ ނުރައްކާތެރިކަން ބޮޑުކަމުން ހިޔަލަގެ އަތްފައިގައި ގަހަނާ އަޅުވާ ޒީނަތްތެރިކޮށްގެން ގެއިން ނިކުތެވެ. ޖަނާޒާގެފަހަތުން ރޮމުންދާފަދައަކުން އަންހެންވެރިން ރޮމުން ހިޔަލަގެ ފަހަތުން އައެވެ. ފޭރޭމީހުންގެ މައިދާނަށް ހިޔަލަ އަންނަ މަންޒަރު ފެނުމު އިޚުތިޔާރަކާނުލާ ޒުބޭރަށް ހިޔަލަގެ ކުރިމައްޗަށް ހުއްޓެވުނެވެ. ހިޔަލަގެ ނަޒަރު އަމާޒުވެފައި ވަނީ ޒުބޭރުގެ ދެލޮލަށެވެ. ބަސްހުއްޓިފައިވާ ހިޔަލަގެ ދެލޮލުން ޒުބޭރަށް މުޚާތަބުކޮށް ބުނަމުން ދިޔައެވެ. " ޒުބޭރު! ދެން ތިޔަމުލައްދަނޑީގެ ބާރަކުންވެސް ވާނެކަމެއް ނެތް! މީ މަގޭ އެންމެ ފަހު ދުވަސް! މަގޭބައްޕަޔާ، މަންމަޔާ، މިރަށާ ،މިތިބަހާއެންމެން، އަދި ޒުބޭރުވެސް ދޫކޮށް ދިއުން ނޫންގޮތެއް މިއަދަކުއަހަންނަކަށް ނެތް" އޭރު ހިޔަލަގެ ދެކޯތާފަތްމައްޗަށް ހޯސް ލާފައި ކަރުނަތައް ފައިބަމުން ދެއެވެ. ހިޔަލަގެ ކަރުނަގެ އަގު ލައްކަބޮޑުވާނޭ ޒުބޭރުގެ ހިތާ ހިތާ ކިޔާލެވުނެވެ. އަދި ޒުބޭރުގެ ތޫނު ނަޒަރު ހިޔަލައަށް ބުނެދިނެވެ. " ނޫން!ނޫން! ހިޔަލާ! އަހަންނަށް އިތުބާރުކުރޭ. މަގޭ މަރާފައިނޫނީ ހިޔަލައެއް ނުގެންދެވޭނެ. ތިއީ މަގޭފުރާނަ. މަގޭހިތުގެ ވިންދު. މަގޭ ނޭވާ ހުސްވަންދެން ހިޔަލަ ރައްކާތެރިކުރާނަން." އޭރު ޒުބޭރުގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. ހިޔަލަ އިށީނުމަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި ހިޔަލަ ބޭންދުމަށްފަހު ޒުބޭރު ފޭރޭމީހުންގެ ބޮޑުން އެއްގަމަށް ބޭލުމަށް ނަވުން ފޭބިމީހުންނަށް އެންގިއެވެ. އަދި ބޭނުންވަނީ ނަވުގެ އެންމެންވެސް ފައިބާ ޖާފަތުގައި ބައިވެރި ވުމަށް ކަމަށް ބުންޏެވެ.

ޝަރުތުތައް ފުރިހަމަވުމުން ނަވުގެ އަހުލުވެރިން ފައިބައިފިއެވެ. ފޭރޭމީހުންގެ ވެރިޔާ ފިސާރި ގަޔާވެގެން ހިޔަލައަށް ބަލައިލުމަށްފަހު ރުހި ޤަބޫލޭ ބުނާފަދަ ގޮތަކަށް ބޯ ޖަހާލިއެވެ. އެއާއެކު ރަށުގެ ފިރިހެނުން އިއްޒަތާއެކު ފޭރޭމީހުން ގެންގޮސް ހަރުގޭގައި ބޭތިއްބިއެވެ. އިސާހިތަކު އަންހެންވެރިން މީރު ބުއިންތަކާއި ކެއުންތައް ފޭރޭމީހުންގާތަށް ލަފާލައިފިއެވެ. ބެރުވެރިން ބެރުޖަހަންފަށައިފިއެވެ. ބެރުގެ ހަމައަށް ތިންހަތަރު ފިރިހެންވެރިން ނަށަމުން ދެއެވެ. މި މެހެމާންދާރީފެނި ހިތްފުރިފައި ތިބިފޭރޭމީހުން ތިބީ ނުހަނު މަޖާވެފައެވެ. ކުޑައިރުކޮޅެއް މިގޮތުގައި ހޭދަވީފަހުން ބެރުގެ އަޑު ކުޑަކޮށް މަޑުކޮށްލުމާއެކު ޒުބޭރު ސަންގު ފުންމާލިއެވެ. އޭރު ވާތަކަށް ސަމާލުވެ ތިބި ޒުވާނުން އެކުއެކީ ވާތައް ކަނޑާ ވައްޓާލިއެވެ. ލަނބުރާން ޖަހާފައިހުރި ވާތަކުން ދޫވެގެން އައި ބަރުފުރާޅު ފޭރޭމީހުން ދަށުލައިފިއެވެ. އިވުނު ބާރު އަޑުފައްގަނޑާއެކު މީހުންގެ ރޯއަޑާއި ހޭރޭއަޑާއި ތަކުބީރުގެ އަޑުން މުޅިތަން ގުގުމައިގެންފިއެވެ. ބިރުވެރި ނުރައްކާތެރި ހިނދުކޮޅަކަށްފަހު ފިރިހެންވެރިން އަވަސްވެގަތީ ފުރާޅުމައްޗަށް ވެލިއުކާ ފޮރުވާލުމަށެވެ. ޒުބޭރު އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު ހިޔަލައާ ދިމާލަށް ދުއްވައިގަތީ ގަސްތަކުނޫނެވެ. ހިޔަލަގެ ކުރިމައްޗަށް އަރާ "އަލްޙަމްދުލިﷲ . ކާމިޔާބުވެއްޖެ" އޭ ބުނެލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ޒުބޭރުގެ މިބަސް ކޮޅާއެކު ހިޔަލަގެ މެރިފައިވާ ދެލޯ ހުޅުވި ހިއްސުތައް މަސައްކަތްކުރަންފެށިއެވެ. ބޭއިޚުތިޔާރުގައި ދުވެފައިގޮސް ޒުބޭރުގައިގައި އޮޅުލައިގަނެ ޒުބޭރުގެ މޭގައި ހިޔަލަގެމޫނު ފޮރުވާލީ ތިއަތުގެ ހިމާޔަތް އަބަދުގެ އަބަދަށް ބޭނުމޭ ބުނާފަދައިންނެވެ. ކުޑަ ވަޤުތު ކޮޅަކަށްފަހު ޒުބޭރަށް ކުށެއް ވެވިއްޖެކަމުގެ އިހުސާސް ކުރެވުމާއެކު އޭނާގެ ގަޔާ ހިޔަލަ ދުރުކޮށް ލިއެވެ. އަދި ފިޔަވަޅުތައް ފަހަތައް އަޅަމުން ދިޔައިރު މިމަންޒަރު ބަލަން ހުރި މުދިންބެ ފެނުމުން ޒުބޭރު ސިހުމާއެކު ދުރުފުށަށް އެނބުރުނެވެ. އެދުވަހުގެ އިރުއޮއްސެންދެން ރަށުގެ ރައްޔިތުން ކުރިމަސައްކަތުން ފުރާޅުމައްޗަށް ވެލިއުކާ އެއްކޮށް ފުރާޅު ފޮރުވާލިއެވެ.

އޭގެ މަހެއްހާ ދުވަސް ފަހެވެ. މިހާރު ފޭރޭމީހުން ދަށުލި ފުރާޅު އޮތްތަން ވަނީ ވެލީގެ ފަރުބަދައަކަށް ބަދަލު ވެފައެވެ. ރަށުގެ ފިރިހެންވެރީން ކޮންމެދުވަހަކު އެތައް އިރެއްވަންދެ ފުރާޅުމައްޗަށް ވެލިއެޅުމުގައި ހޭދަކުރެއެވެ. މިހާރު މަރުވެފައިވާ ހަށިތަކުގެ ވަސް ނާންނަވަރަށް ފުރާޅު ވަނީ ފޮރުވާލެވިފައެވެ. މިފަސް ގަނޑަށް ރަށުގެ އެންމެންވެސް މުޚާތަބުކުރަންފެށީ "ހަނގުރާމަ ފަސްގަނޑު" ގެ ނަމުންނެވެ. މި ބުރަ މަސައްކަތް ނިމުމުން މުދިންބެގޭގައި ރަށުގެ ހުރިހާ ފިރިހެންވެރިން ނަށް ޖާފަތެއް ދިނެވެ. މިޖާފަތް އޮތީ މުދިންބެގޯތި ގޭދޮރުމަތީގައި ފަންގި ފަތުރާފައެވެ. އެއްވެ ތިބި ހުރިހާ ފިރިހެނުންނާ މުޚާތަބުކޮށް މުދިންބެ ދައްކަން ފެށި ވާހަކައިން ކާން އަނގައަށްލީ އެތިކޮޅު ދިރުވާ ނުލެވިފައިވެސް ބައެއްޒުވާނުން ތިއްބެވެ. "މަގޭ ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން. މަގޭ މަންޖެގެ ކައިވެނިކުރާނެ މީހަކު ހޯދައިފިން." މުދިންބެ މިފެށި ވާހަކައިން ޒުބޭރަށް އިނދެވުނީ އެތެރެއަށް ލީ ނޭވާ ބޭރަށް ދޫކޮށްލަންވެސް ނުކެރިއެވެ. އެމީހަކީ އަހަންކަމަށް ވާނެނަމަ ކިހާ ރަނގަޅުހޭ ހިތާހިތާ ކިޔާލެވުނެވެ. ޒުބޭރުގެ ހިތް ތެޅޭލެއް ބާރުކަމުން އެހިތުގެ ތެޅުމުގެ އަޑު ބޭރަށް އިވޭ ކަމުގައި ޒުބޭރަށް ހީކުރެވުނެވެ. ނަމަވެސް އޭނާގެ އިސްޖެހިފައިވާ މޫނު އުފުއްލާލީ މުދިންބެ ބޭރުކޮށްލި ޖުމުލައިންނެވެ. "މަގޭ ހިޔަލަގެ ކައިވެނި ޒުބޭރާ ކުރުވަން ނިންމައިފިން" މުދިންބެ މިހެން ބުނެލީ ފިސާރި ގަޔާވެ އިނދެގެންނެވެ. ހުރިހާ ފިރިހެނުންވެސް ޒުބޭރަށް މަރުހަބާ ކިޔެވެ. ހިޔަލަވެސް ހުރީ މިކައިވެންޏާ ލޮލުން ބޮލުން ރުހިޤަބޫލުވެގެންނެވެ. ޖެހިގެންއައި ހޯމަދުވަހުގެ ފުރަތަމަ ސާޢަތުގައި ހިޔަލައާއި ޒުބޭރުގެ ކައިވެނި ކުރެވިއްޖެއެވެ. އަނެއްކާވެސް ހިނިތުންވެ ތިބެ އެކުވެރިކަމާއެކު ދިރިއުޅެމުންދިޔަ ރައްޔިތުންގެ މޫނުމައްޗަށް އުޖާލާކަން ގެނުވައިފިއެވެ.

 

(ނިމުނީ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު