Thursday, 18 April 2024

"މިނިވަން އުފާ ކާނިވާ" ނިންމާލައިފި

"މިނިވަން އުފާ މުޅި ރާއްޖެއިން" މި ޝިޢާރާއެކު މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތްތައް ރޭ ނިންމާލައިފިއެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން ތިންއަހަރުގެ މެދުކެނޑުމަކަށްފަހު މިނިވަން ދުވަހުގެ ޙަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ.

މިނިވަން އުފާ ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ހަރަކާތެއެވެ. މިކާނިވަލުގައި ކުރިއަށްދިޔަ ބައެއް ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ގިނަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކާނިވަލަށް ކޮންމެ ރެއަކުވެސް އާންމުންގެ ގިނަބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. ކޮންމެ ރެއަކުވެސް ކާނިވާ އޮތީ އާންމުންނާއެކު ފުރިބާރުވެފައެވެ. ފުޑް ސްޓޯލްތަކާ، ކުޅިވަރު ކުޅޭނެ ސްޓޯލްތަކުގެ އިތުރަށް ސްޓޭޖް ޝޯ އާ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކުޅިވަރުތައް ހިމެނޭހެން ހަދާފައިވާ މިކާނިވަލުގެ ކުޅިވަރުތައް ނިންމާލުމުގެ ގޮތުން ވަނީ ހަވާއަރުވާފައެވެ.

ގިނަ ހަރަކާތްތަކާއެކު ކާނިވާ ހުޅުވި ރޭވެސް އާއްމުން އެއްވެ، މުޅި ސެންޓްރަލް ޕާކު ފުރާލިއެވެ. އެންމެ ޝައުގުވެރި ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ޑްރޯން ޝޯއާއި، ހަވާއެރުމުގެ ކުޅިވަރުތަކެވެ. މާލެ ސަަރަހައްދުގައި ބޭއްވި ފުރަތަމަ ޑްރޯން ޝޯގައި، 300 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެ ރަމްޒުކޮށްދޭ ގޮތަށް، ޑިސްޕްލޭކޮށްފައިވެއެވެ. މިކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިވަންކަމަށް 58 އަހަރު ފުރި 59ވަނަ އަހަރު ފާހަގަކުރުމަށް މުޅި ރާއްޖޭގައި ވަނީ ތަފާތު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެންމެ ގިނަ ހަރަކާތްތައް ކުރިއަށްގެންދިޔައީ މާލޭ ސިޓީގައެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ފެށީ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ބޭއްވި ރަސްމީ ބައްދަލުކޮށްލެވުމަކުންނެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް އެހެން އަހަރުތަކެކޭ އެއްގޮތައް ޖުލައި 26ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މާލޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެޑައިގެންފައެވެ.

އަދި އައްޑޫ ސިޓީގައި ދިދަ ނެގުމަށް "ސިޓީ ސްކޮއަރ"ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މާލޭގައެވެ.

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށުނީ ޖުލައި 26ވަނަ ދުވަހުގެ ރޭ ބޭއްވި މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުތަކާއެކުއެވެ. ގަލޮޅުދަނޑުގައި ބޭއްވި ހެވިކަމުގެ ކުޅިވަރުތަކުގައި ޖުމްލަ 9 ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

ޕެރޭޑް އޮތީ 27 ވަނަ ދުވަހު ހަވީރުއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ މިޕެރޭޑްގައި އެމްއެންޑިއެފްއާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗްވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުޅަނދުބުރުގެ ހަރަކާތް އޮތީ 27 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. މިއަހަރު ފުޅަނދު ބުރުގައި ސަރުކާރުގެ މުއައްސަސާތަކާ ކުންފުނިތައް ހިމެނޭހެން 8 ތަނަކުން 15 ފުޅަނދެއްވަނީ ދައްކާލާފައެވެ. ފުޅަނދުބުރަށް ވަރަށްބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *