ހުރިހާ ހެޔޮކަމެއްގެ އަސާސަކީ ޝަރުއީ ގިއުގަޑުގެ ތެރޭގައި ދެވޭ ރަނގަޅު ތައުލީމް ކަމަށް ހުކުރު ޚުޠުބާ މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

"ހެޔޮކަމުގެ ތަޅުދަނޑި" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި އިއްވި ޚުތުބާގައި ބުނީ، ހެޔޮ ކަމުގެ ތަޅުދަނޑިއަށް ވާން އެދޭ މީހާ އެހެންމީހުންނަށް ހެޔޮކަމަށް ނަސޭހަތްދީ ތެދު މަގު ދައްކައި އުޅޭ މީހަކަށް ވާންޖެހޭނެކަމަށެވެ. އަދި ހެޔޮކަމުގެ އެންމެ މުހިންމު ތަޅުދަޑިއަކީ ފައިދާހުރި އިލްމުތައް އުނގަންނައިދިނުންކަމަށްވެސް ހުތުބާގައި ވިދާޅުވެ ދެއްވިއެވެ.

" ހުރިހާ ހެޔޮކަމެއްގެ އަސާސަކީ ޝަރުއީ ގިއުގަޑުގެ ތެރޭގައި ދެވޭ ރަނގަޅު ތައުލީމް. ޒަމާނީ ކުރުމުގެ ނަމުގައި ވިޔަސް ތައުލީމް އެ ގިއުގަނޑުން ބޭރުވެގެން ނުވާނެ."

ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، އިތުރު ރަސޫލާ މީސްތަކުން ބައްސަވާފައިވަނީ ދެބަޔަކަށްކަމަށެވެ. އޭގެ ތެރެއިން އެއްބަޔަކީ ހެޔޮ ކަންކަމަށް ގޮވާލާ އަދި ނުބައި ކަންކަން މަނާކުރާ މީހުންކަމަށާއި އަނެއްބައި މީހުންނަކީ ނުބައި ކަންކަމަށް ގޮވާލައި ހެޔޮ ކަންކަން މަނާކުރާ މީހުންކަމަށެވެ.

މިކަމަށް ނަޒަރު ހިންގެވުމަށްފަހު ތިމާއަކީ މިތަނުން ކޮން ގިންތިއަކަށް ފެތޭ މީހަކުތޯ ވިސްނާލުމަށް ހުތުބާގައިވަނީ އެދިފައެވެ. މި ސުވާލަށް ޖަވާބު ދެވޭނީ އެ މީހެއްގެ ސުލޫކަށާއި އަހުލާގަށް ބަލައިގެންކަމަށް ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި، ހެޔޮކަންކަމަށް ގޮވާލާ މީހަކަށް ވުމަށް ކޮންމެ މުސްލިމަކުވެސް އެދޭނެކަމުގައެވެ. އަދި އެފަދަ މީހަކަށް ވުމަށްޓަކާ ކަންތައްތައް ކުރަންޖެހޭނެ ގޮތް ބަޔާން ކުރަމުން ޚުޡުބާގައި ވިދާޅުވެފައިވަނީ، އޭގެ ފުރަތަމަ ކަމަކީ ތިމާގެ އަމަލުތަކާއި ބަސްތަކުގައި ﷲއަށް އިޚްލާސްތެރިވުން ކަމުގައެވެ.

"ތިމާ ކުރާ ކޮންމެ އަމަލެއް، ބުނާ ކޮންމެ ބަހެއްގައި މާތް ﷲއަށް ޚާލިޞް ވުމެވެ. މާތް ﷲއަށް ޚާލިސް ނުކުރުރާ އެއްވެސް ޢަމަލެއް ﷲ ޤަބޫލުފުޅެއް ނުކުރައްވާނެތެވެ."

ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށް ވުމަށްޓަކައި އަމަލުތަކާއި ބަސްތަކުގައި ﷲ އަށް އިޚްލާޞްތެރިވާންޖެހޭނެކަމަށާއި މާތް ﷲއަށް ހާލިސް ނުކުރާ އެއްވެސް އަމަލެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެކަމަށް ހުތުބާގައި ބުނެދިނެވެ. ހުތުބާގައިވަނީ ﷲ އަށް އިޚްލާޞްތެރިވާ މީހުން ނުބައި މަގުން އެއްކިބާ ކުރައްވާނެކަމަށް ބުނެފައެވެ.

" ޔޫސުފްގެފާނާ ބެހޭގޮތުން މާތްﷲ ވަހީކުރައްވާފައިވެއެވެ. އެފަދައިން އެ ދަލީލު ދެއްކެވީ ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި އަމަލާއި ހުތުރުކަން ބޮޑު ފާފާ ދުރުކުރެއްވުމަށް ޓަކައެވެ. ހަމަ ކަށަވަރުން އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ހިޔާރުކުރެއްވި އަޅުންގެ ތެރެއިންނެވެ."

ޚުތުބާގައި ވިދާޅުވެފައިވެއެވެ.

 ހުތުބާ ނިންމާލަމުންވަނީ މުސްލިމުން ނަމޫނާއަކަށް ވާންޖެހޭނީ ހެޔޮ ކަންކަމުގައިކަމަށް ބުނެ އެއްވެސް މުސްލިމަކު ދީނުގެ އެއްވެސް އުސޫލަކާ އަސާސްތަކާއި ޚިލާފަށް އެއްވެސްކަމެއް ކޮށްގެން ނުވާނެކަމަށް ނަސޭހަތްތެރިވެފައެވެ.