"އަޅުގަނޑަކީ އަޅުގަނޑު" ކަމަށް ވިދާޅުވެ، ކުރިން ގެންގުޅުއްވި، ހަމަތަކާއި އުސޫލުތައް ބަލައިގަންނަ ކަމުގައ،ި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސީއެންއެމްގެ "ތޭވީސް" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ފާރިސް ވިދާޅުވީ ޒަމާންތައް ބަދަލުވެއްޖެ ކަމަށާއި މީހުން ވެސް ބަދަލުވެ، ވިސްނުން ވެސް ބަދަލުވެއްޖެ ކަމަށާއި، އެހެންނަމަވެސް ކުރިން ގެންގުޅުއްވި ހަމަތަކާއި އުސޫލުތައް ބަލައިގަންނަ ކަމުގައެވެ.
"އަޅުގަނޑުގެ ވިސްނުން ހުންނާނީ ކުރިއަށް. ފިއުޗާ އޮރިއެންޓެޑް ކަމެއް ކުރާނީ. ފަސް އެނބުރި ބަލާ އޭރުގަ ދިމާވެފަ ހުރި މައްސަލަތެއް ނޫނީ އޭރުގެ ކަންތައްކަށް އެސްކިއުޒް ހަދައި ފޮރުވާކަށް ނޫޅެން. އެެހެންވެގެނޭ މިހެންވެގެނޭ ކިއުމުގެ ބަދަލުގަ އަޅުގަނޑު ބޭނުންވަނީ އެންމެން ހީލްކުރަން. އެންމެނަށް އެނގޭ ކުރީގެ ސަރުކާރުތަކުގަ ނުރަނގަޅުކަންތައްތަކެއް ހިނގާފަހުރިކަން،"
ފާރިސް ވިދާޅުވީ ކޮންމެ މީހަކީވެސް އަމިއްލަ ޚިޔާލާއި ފިކުރު ކުރާ މީހެއް ކަމަށާއި، ފާރިސްއާއި ރައީސް މައުމޫނާއި ދެމެދު ވެސް ދެ ބަސްވާ ކަންތައްތަކެއް ހުންނާނެ ކަމަށާއި، އެހެންނަމަވެސް ރައީސް މައުމޫން ގެންގުޅުއްވި ހަމަތަކާއި އުސޫލުތައް ބަލައިގަންނަ ކަމުގައެވެ.
"ބައްޕަގެ ހައިސިއްޔަތަކުން ނޫން. ނަަމަވެސް ރާއްޖެއަށް އެންމެ ޚިދުމަތްތެރި އެއް ސިޔާސީ ލީޑަރު ގޮތުގަ. ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަބައެއްގެ ލޯތްބާ އިޙްތިރާމް ލިބިވަޑައިގެން ވެސް ހުންނެވި ބޭފުޅެއް.،"
ފާރިިސް ވިދާޅުވިއެވެ.
ފާރިސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށްޓަކައި ބޭނުންވާ ތާޢީދު ފޯމުގައި ސޮއި ރައީސް މައުމޫން ސޮއިކޮށްދެއްވިކަން ފާހަގަކުރަވަމުން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ނުކުތުމަށް ރައީސް މައުމޫން ހިތްވަރު ދެއްވާ ކަމަށެވެ.
"އަޅުގަނޑު މިކަމަށް ނުކުތުމަށް ހިތްވަރު ވެސް ދެއްވާ. މިކަހަލަ ވާހަކައެއް ސީދާ ރައީސް މައުމޫނު ވިދާޅުވާން ވާނީ، އަޅުގަނޑު މިކަން ސާފުވެސް ކޮށްލަން ބޭނުންވޭ ބެލުންތެރިން މިކަން ސާފުކޮށްދެއްވުމަށްޓަކާ. އަޅުގަނޑަކީ އަޅުގަނޑު އިނގޭތޯ؟ ހިޔާލު އެއްގޮތް ނޫން ކަންތައްތަކެއް ވެސް ހުންނާނެ. އާންމު އުސޫލެއްގެ ގޮތުން ގެންގުޅެންޖެހޭ ހަމަތަކާ އުސޫލުތަކާ އަޅުގަނޑު ބަލައިގަންނަން،" ފާރިސް މައުމޫނު ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އޭނާގެ ބައްޕަ އަދި އެމްއާރުއެމްގެ ޒައީމް ރައީސް މައުމޫން، އޭނާގެ ކެންޕޭނުން ފެނިގެން ދިއުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.
އެމްއާރްއެމްގެ ރައީސް ކަމުގައި ހުންނެވި ފާރިސް ރިޔާސީ އިންތިޚާބަށް އަމިއްލަފުޅު ހައިސިއްޔަތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަންޖެހޭފަދަ ޙާލަތެއް އަތުވެދާނެތީ، މިހާރު ގެންދަވަނީ ތާއީދު ފޯމަށް ސޮއި ހޯއްދަވަމުންނެވެ. މިހާރު ފަނަރަސަތޭކައަށްވުރެ އިތުރަށް ސޮއި ހޯއްދަވާފައިވާކަން ފާހަގަކުރެވެއެވެ. އެހެނީ، ދާދިފަހުން އެމްއާރްއެމްއާ ދެކޮޅަށް ނިންމަަވާފައިވާ ނިންމުމުގެ ސަބަބުން އެފަދަ ޙާލަތެއް މެދުވެރިވުން އެކަށީގެންވެއެވެ.