Sunday, 06 October 2024

ރިޔާސީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ބުދަ ދުވަހަށް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މިފެށޭ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައިފިއެވެ.

ނަން ތަރުތީބުކުރުން، ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ އެ ދުވަހުގެ ހަވީރު 4:00 އިން 5:30 އަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ނަން ތަރުތީބު ކުރުމުގެ ބައްދަލުވުމުގައި ކެންޑިޑޭޓުން ބައިވެރިވުމަށް އިސްކަންދޭނެ ކަމަށެވެ.

ކެންޑިޑޭޓަށް ބައިވެރި ނުވެވޭނަމަ ބަދަލުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ބައިވެރިވެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ އަންްނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އެކަންޏެވެ.

ރައީސް ޔާމީން މިމަހުގެ އެއްވަނަ ދުވަހު ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ދުވަހު ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަން މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ހިންގަމުން އެބަދެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ އިތުރުން ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމާއި، އެމްއާރްއެމްގެ ފަރާތުން، ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވަނން ޖެހިއްޖެނަމަ އަންނަ މަހުގެ 30 ވަނަ ދުވަހު ދެވަނަ ބުރު ބާއްވާނެ ކަމަށް އިލެކްޝަނުން ހާމަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު