16 ޖަނަވަރީ 2025

ޑރ. މުޢިއްޒަަށް "ކޮޅުކެއްސެއް" ލިބެނީތަ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެގެން އުފައްދަވާފައިވާ ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައި، ޕީއެންސީގެ މަޝްވަރާ މަޖިލީހުން ނިންމައި، އެ އިންތިޚާބު ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވުމުން، ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އެ ވޯޓުގައި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރު ބައިވެރިވެވަޑައިގެންފައިވާއިރު، 48 މެންބަރުން ވޯޓް ދެއްވިއެވެ. މުއިއްޒުއަށް 25 ވޯޓް، އާދަމް ޝަރީފަށް 23 ވޯޓް ލިބިވަޑައިގެންނެވިއެވެ. މުޢިއްޒު ކުރިން ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމުގައެވެ. އެ މަޤާމް ދޫކޮށްލައްވައި ޕީއެސްސީގެ މެމްބަރަކަށް ވެ ވަޑައިގެންނެވީ ޕީއެންސީގެ ރިޔާސާ ޓިކެޓް ހޯއްދަވާށެވެ.

އެހެންކަމުން މިހާރު މުޢިއްޒަކީ ޕީޕީއެމްގެ މެންބަރެއް ނޫނެވެ. އަދި އޭނާއަށް ވަނީ ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ގެއްލިފައެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްކަން ކަށަވަރު ކުރެވިފައެވެ. ކުރިން ބުނަމުން އައީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޕީއެންސީން ނެރޭ ކެންޑިޑޭޓަކާ އެކީ ކުރިއަށްދާނީ ކަމަށެވެ. ނަމަވެސް، އިއްޔެ އަނެއްކާވެސް މިހާރު މިވަނީ ރާގު ބަދަލުވެފައެވެ. ޕްލޭންގެ އޯޑަރ ނަންބަރަށް ބަދަލެއް އައިސްފައެވެ.

އެންމެ ކުރީއްސުރެވެސް ރައީސް ޔާމީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތުމަކީ ޕްލޭން "އޭ" އެވެ. ދެން މިފަހަކުން ޕްލޭން "ބީ" ކަމަށް ބުނަމުން އައީ ޕީއެމްއެންސީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓެކެވެ. ރައީސް ޔާމީން ބޭނުންފުޅުވެގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްވެސް އެވަނީ ހޮވާފައެވެ.

އިއްޔެ ޕްލޭންގެ ތަރުތީބަށް އައި ބަދަލުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްޙަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ޙާލަތެއްގައި ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ރޭ ވަނީ ބުނެފައެވެ. އަދި އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމައިފިނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން ސުޕްރީމް ކޯޓުގައިވެސް އެދިފައެވެ. ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

އަނެއްކާވެސް ތަކުރާރުކޮށްލަމެވެ. އެގޮތަށް ސުޕްރީމް ކޯޓުގައި އެދުނު އިރު، ޕީޕީއެމް ކޯލިޝަން ޕާޓްނަރ، ޕީއެންސީން ވަނީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވާފަ އެވެ. އެކަމަކު، ޕީޕީއެމްއިން އިއްޔެ ބުނެފައިވަނީ އެއީ ޕްލޭން "ސީ" ކަމަށެވެ. ޕްލޭން "އޭ" އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން "ބީ" އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުން ކަމަށް މިހާރު މިވަނީ ލީޑަރޝިޕުން ކަނޑައަޅާފައެވެ. އެއީ ޕީޕީއެމްއަކީ ބޮޑު ޕާޓީއަކަށްވެފައި އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ހުންނަން ޖެހޭނެތީ ކަމަށް ބުނެއެވެ.

މިހާރު ބުނަމުންދަނީ، ޕްލޭން "ސީ" (މިހާރު ޕްލޭން "ސީ" އަކީ ޑރ. މުޢިއްޒު) އަށް ތައްޔާރުވީ ސުޕްރީމް ކޯޓުން ޕީޕީއެމްއަށް އެ ފުރުސަތު ނުލިބިދާނެ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ބަލާފައިކަމަށެވެ. އިންތިހާބަށް ވާދަކުރަން ހުށަހެޅުމަށް ދެން ބާކީ އޮތީ އެންމެ ދެ ދުވަސްކަން ފާހަގަކޮށްލާންޖެހެއެވެ.

ޕްލޭން "ބީ" އެކްޓިވޭޓް ކުރެވޭނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ބަލައި، ޕްލޭން "ބީ" އެކްޓިވޭޓް ކުރާނެ ފުރުސަތު ސުޕްރީމް ކޯޓުން ލިބިއްޖެ ނަމަ، ނޫން ނަމަ ޕްލޭނަކަށް އޮންނާނީ ޕްލޭން "ސީ،" ކަމަށްވެސް ޕީޕީއެމްއިން ބުނެފައިވެއެވެ.

ޔާމީންގެ ޕްލޭން "ސީ"ގެ ދަށުން މުއިއްޒު ކެންޑިޑެންސީ ހޯއްދަވާފައިވާއިރު ޕްލޭން "ބީ" އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުންކަން މުއިއްޒަށް ކުރިން ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެހެންނަމަވެސް، މުއިއްޒު ބޭނުންފުޅުވީ ޕްލޭން "ސީ" ގެ ދަށުން، ޕީއެންސީގެ ޓިކެޓަށް ވާދަކޮށް އެ ފުރުސަތު ހޯއްދަވަން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޕްލޭންތަކުގެ ތަރުތީބު ނަންބަރު ބަދަލުކުރައްވާފައި މިވަނީ މުޢިއްޒުއަށް އެނގިވަޑައިގެން ކަމަށް ވާނަމަ މާ ބޮޑު "ސަޕްރައިޒް" އަކަށް ނުވާނެއެވެ. އެހެނީ، އަނެއްކާވެސް ޕީއެންސީ ދޫކުރައްވައި، މުޢިއްޒު ޕީޕީއެމްއަށް ރުޖޫޢަވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އުސޫލުތަކާއި ޤަވާޢިދުތައް ބަދަލުކުރައްވައިގެންވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް، މިހާރުގެ ޕްލޭން "ބީ" އަށް ވުމުގެ ފުރުޞަތު މުޢިއްޒުއަށް އަނެއްކާވެސް އެބައޮތެވެ. އެހެންނަމަވެސް، މިޙާލަތު ނާންނަ ހިނދެއްގައި އެހެން ކެންޑިޑޭޓަކު ނެރުމަށް، ޕްލޭން "ބީ" ގެ ދަށުން ނިންމައިފިނަމަ، ޑރ. މުޢިއްޒުއަށް ލިބިގެންދާނީ ވަރަށް ބޮޑު "ކޮޅުކެއްސެކެވެ". ޕްލޭން "އޭ" ކާމިޔާބުވެ ރައީސް ޔާމީން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނިކުމެވަޑައިގަތުމަކީ މުޢިއްޒަށްވެސް މާ ބޮޑު މައްސަލައަކަށް ނުވާނެއެވެ. އޭނާ މީގެ ކުރިންވެސް، ތަކުރާރުކޮށް އެކަން ފާހަގަކުރަމުން އައިސްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު