ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ޤާސިމް އިބްރާހިމް ކުރައްވާ ޝަރުތުތައް އެއްވެސް ކޯލިޝަން ޕާޓުނަރަކަށް ފުރިހަމަ ނުކުރެއްވޭނެކަމަށް ވިދާޅުވެ، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް، ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހޫނު ރައްދެއް ދެއްވައިފިއެވެ.
އިދިކޮޅުގައި ތިބި ސިޔާސީ ޕާޓީތައްކަމަށްވާ ޕީޕީއެމް، ޖޭޕީ އަދި ޑިމޮކްރެޓްސް އާއި އެމްއެންޕީއިން އެކުގައި މަސައްކަތްތަކެއް ކުރަމުންދާއިރު، ޝަރީފް އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ، އެމްޑީޕީ އަދި ޖޭޕީގެ ސިޔާސީ ކައިވެންޏަކީ ފެށިގެން އައި އިރުވެސް ދަމަހައްޓަން ދަތި ގުޅުމެއްކަމަށާއި، ކޯލިޝަން ދެމި އޮތް ހާ ދުވަހު އޮވެފައިވާކަމާއިމެދުވެސް ގިނަ މާހިރުން ހައިރާންވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކޯލިޝަން ދެމެހެއްޓިގެންދިޔައީ ރައީސް ޞާލިހުގެ ކެތްތެރިކަމާއި، ކުރިއަށް ވިސްނާވަޑައިގަތުމުގެ ސިފައިގެ އިތުރުން އެމަނިކުފާނު މަސައްކަތްތަކަށް ލެއްވި ހިތްވަރުގެ ސަބަބުންކަމަށެވެ.
ޝަރީފް ވިދާޅުވީ، ގާސިމް އެދިވަޑައިގަންނަވާ ކަންކަން ފުރިހަމަކޮށްދިނުމަކީ އެއްވެސް ކޯލިޝަން ޕާޓުނަރަކަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އޮތީ ޖަލުގައިކަމަށާއި، އެމްޑީޕީގެ ކުރީގެ ރައީސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގަތުމާއި އެކު ގާސިމްއަށް ކޯލިޝަންއެއް ހެއްދެވިދާނެ ފުރުސަތެއް ފެނިވަޑައިގަތްކަމަށެވެ.
އަދި ނަޝީދާއި ޤާސިމް ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމަށް ކުރި އެންމެހާ މަސައްކަތްތައް ބޭކާރުވެގެންދިޔަކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޤާސިމް އަދި ނަޝީދު ގުޅިވަޑައިގަތުމަކީ ޙަޤީޤަތާ ދުރު ޚިޔާލެއްކަމަށް މާހިރުން ދެކޭކަމަށާއި، އެގޮތަށް ދެކެނީ އެ ދެ ބޭފުޅުންވެސް އެންމެ މަތީ ފަޑި ނޫން ޖާގައެއް ބޭނުން ނުވާތީކަމަށެވެ. އޭނާ ވަނީ ޖޭޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުރުސަތު ހަނިވަމުންދާކަމަށްވެސް ސިފަކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ޕީޕީއެމްއިން ކެނޑިޑޭޓަކު ނެރުމަށް ތައްޔާރުވަމުންދިއުމާއި ގުޅިގެން މިހާރު ޖުމްހޫރީ ޕާޓީއިން ކުރަމުންދިޔަ މަސައްކަތްތަކުގެ ދުވެލި މަޑުޖެހެމުންދާކަމަށެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމް އިން ކެނޑިޑޭޓަކު ނެރުމުން ޖުމްހޫރީ ޕާޓީއަށް ކުރިއަށް އޮތް އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުނު ޕާޓީއަށް ވުމަށް އޮތް ހަނި ފުރުސަތުވެސް ގެއްލިގެންދާކަމަށެވެ. އަދި އެ ފުރުސަތުގެ އިތުރުން އެމްޑީޕީއާއިއެކު އޮތް ކޯލިޝަން ރޫޅާލާފައިވުމުން ކުރިއަށް އޮތް ދައުރުގައި އޮންނާނެ ސަރުކާރުގައި ޝާމިލުވުމަށް އޮތް ފުރުސަތުވެސް ގެއްލިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.