މިހާރު ގަޑިން ހެނދުނު 9 ޖަހަން ގާތްވެއްޖެއެވެ. އަދިވެސް ސައްތާރުގެ އެއްވެސް ޙަބަރެއްނެތެވެ. ދަލޭކަ ހުރީ ހަދާނެގޮތް ހުސްވެ މާޔޫސްވެފައެވެ. ފާއިތުވަމުން ދިޔަ ކޮންމެ ހިނދުކޮޅަކުވެސް ދަލޭކަގެ ހިތް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް މާޔޫސްވަމުންނެވެ. އެދުރު ދައިތަ ގެއަށް ގާސިމް ޤުރުއާން ކިޔަވަންލާން ދަލޭކަ ދިޔައިރު ގާސިމް ދިޔައީ ސައްތާރާއި ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރަމުންނެވެ. އެހެންނަމަވެސް އެ މައުސޫމް ކުޑަކުއްޖާގެ ސުވާލުތަކަށް ދޭނެ އެއްވެސް ޖަވާބެއް ދަލޭކަގެ ސިކުންޑިއަކަށް ނުވިސްނުނެވެ. ގާސިމް ސައްތާރު ވާހަކަ އަހާލާއިރަށް، ދަލޭކަ ދިޔައީ ވާހަކަ އޮޅުވަމުން، ގާސިމްގެ ސަމާލުކަން އެހެން ކަންކަމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ގާސިމްގެ މައުސޫމު ލޮލަށް ބަލާލުމާއެކު ދަލޭކަގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެ ތުއްތު ފުރާނައިގެ މައުސޫމް ހިތަށް، ދިމާވެގެން އުޅޭ ކަންތައްގަނޑުގެ ފުންމިން މިނާކަށް ނޭންގޭނެއެވެ.
އެދުރު ދައިތަގެ ގެއަށް ގާސިމް ލުމަށްފަހު ދަލޭކަ އެނބުރި އަންނަން ފިޔަވަޅު އެޅި ހިނދު ދަލޭކަގެ ކަންފަތުގައި އެދުރު ދައިތަގެ އަޑު ޖެހުނެވެ. ދަލޭކަގެ މޫނު މަތީގައި ވަކިހިއްޕާލާފައިވާ އުދާސްކަމާއި ހިތްނުތަނަވަސްކަން ފެނި އެދުރު ދައިތަގެ ހިތުގައިވެސް އެތަކެއް ސުވާލުތަކެއް އުފެދުނެވެ. "އެކޮއެ ދަލޭކާ… ކިހިނެއްވެފަ ތިޔަހުރީ. ހާދަ ފާޑަކަށް. އަނެއްކާ ބަލީތަ….؟ އެހެންޏާ އަބަދު އުޖާލާކަންމަތީގައި ފެންނަ މޫނެއް މިއަދު ތިޔަހުރީ މިލާމޯޅިވެފަ… ދައިތަ ކައިރީގައި ބުނެބަލަ އަނެއްކާ ކަމެއް ވީތަ…؟"
ދަލޭކަގެ ދުލުގައި ގޮށެއްޖެހިފައިވާފަދައެވެ. ވާހަކަ ދެއްކުމުގެ ބާރު މިއަދު އޭނާގެ ދުލުގައި ނެތް ފަދައެވެ. މުހާތަބު ކުރުމުގެ ކުޅަދާނަކަންވެސް މިއަދު އެ ހަށީގައި ނެތްފަދައެވެ. ބަސްބުނަން ނޭނގިފައި، ރައްދުގައި ދޭނެ ޖަވާބެއް ނޭނގިފައި، އެދުރު ދައިތަގެ މޫނަށް ބަލަން ދަލޭކައަށް އިރުގަނޑަކު ހުރެވުނެވެ. "އާ..އާ..އާން ދައިތާ. މި އުޅެނީ ވަރަށް ބޮޑު ކަންތައްގަނޑެއް ލައިގަނެގެން. މާލަސްތަކެއް ނުވެ، މި ރަށު އެންމެންނަށްވެސް އެވާހަކަ އެނގޭނެ. މާލަސްތަކެއް ނުވެ، އެވާހަކަ މުޅި ރަށުތެރޭގައި ފެތުރޭނެ."
ދަލޭކަ އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނެ އެގެއިން ނިކުންނަން ހިންގައިގަތެވެ. އެހިނދު އޭނާގެ ލޮލުން ނީރާލި ކަރުނައިން މުޅި ކޯތާފަތް ފުރާލިއެވެ. އެހެންނަމަވެސް، ހިތްވަރުކޮށްފައި ދެއަތް ނަގައި، ކޯތާފަތްމަތީގައިވާ ކަރުނަތައް ފޮހެމުން ދިޔައެވެ. މަގުމަތީގައި ތިބި މީހުންވެސް އެ މަންޒަރު ބަލަން ތިއްބެވެ. އެންމެންނަށްވެސް ކަމެއް ވެގެން އުޅޭކަން އެންގެއެވެ. އެކަމަކު ވެގެން އުޅެނީ ކޮންކަމެއްކަމެއް ނޭނގެއެވެ.
އެދުރު ދައިތައަކީ ސައްތާރުގެ ބޮޑުދައިތައެވެ. އެހެންކަމުން ދަލޭކައާއި އެދުރު ދައިތަގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ދަލޭކަގެ ހަރަކާތްތައް ހުރިގޮތުންނާއި، ދަލޭކަގެ ދުލުން ބޭރުވެގެންދިޔަ ބަސްތަކުން، ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ހިނގައިގެން އުޅޭކަމުގެ އިހުސާސް އެދުރުދައިތައަށްވެސް ކުރެވުނެވެ. ވުމާއެކު، ވެގެން އުޅޭ ގޮތެއް ބަލަން އެދުރުދައިތަވެސް ވަރަށް ބޭނުންވިއެވެ.
"ދަރިފުޅާ… މިތިބަ ކުދިންނަށް ފިލާ ލިއެލަދީފައި އެކުދިންނަށް އަންމާ ފޮތުން ކިޔަވާލަދީ އިނގޭ. މަންމަ އެބަ ޖެހޭ ވަރަށް މުހިންމު ކަމަކު ގެއިން ބޭރަށް ދާން." އެދުރު ދައިތަ އަވަސްވެގަތީ ވެގެން އުޅޭގޮތެއް ބަލަން ދަލޭކަ އުޅޭ ގެއަށް ދާށެވެ. ދަލޭކަގެ ފަސްފަހަތުން، ބާރު ދުވެއްޔެއްގައި ހިނގަމުން އެދުރު ދައިތަ ދިޔައެވެ. ދަލޭކައަށް އަޑު އިވޭ ވަރަށް ބާރަށް، މަޑުކުރާށޭ ކިޔާފައި ހަރުއަޑުން އެދުރުދައިތަ ގޮވަމުން ދިޔައިރުވެސް އެކަމަކަށް ދަލޭކަގެ އެއްވެސް ފަރުވާލެއް ނެތެވެ. ދަލޭކަ ރޮމުން ރޮމުން، ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ގޮސް ގެއަށްވަނެވެ. އިޝާހިތެއްގެ ތެރޭގައި އެދުރު ދައިތަވެސް ދަލޭކަ ފަހަތުން ގޮސް އެގެއަށް ވަނެވެ. އެދުރުދައިތަ ދަލޭކައާއި އަރާހަމަވުމުގެ ކުރިން، އެދުރުދައިތަގެ ކަންފަތުގައި ޖެހުނީ އާދަނުގެ އަޑެވެ.
"މަށާ ފާތުމައާއި ދެމީހުން މިދަނީ ކަތީބުގެ އަރިހަށްދާން… މިހާރުވެސް ވަރަށް ލަސްވެއްޖެ. އެދުރުދައިތަވެސް މިގެއަށް ތިޔައައީ އެ ޙަބަރު ލިބިގެން ދޯ…" އެދުރުދައިތައަށް ވެގެން އުޅެނީ ކިހިނެއްކަން އަދިވެސް ނޭންގޭކަމެއް އާދަނަކަށް ނޭންގެއެވެ.
"ބަލަ ވެގެން އުޅޭ ގޮތެއް މަގޭ ކައިރީގައިވެސް ބުނީމަދޯ މަށަށްވެސް އެނގޭނީ. ދަލޭކަގެ މޫނުމަތީގައި ފެންނަން ހުރި އުދާހާއި ވޭން ފެނުނީމައި އަހަރެންނަށް އިހުސާސްވި ކޮންމެވެސް ގޯސްކަމެއް ހިނގައިފިކަން. އެހެންވެ އަހަރެން މިގެއަށް އޭނަ ފަހަތުން މިއައީ. މަޑުކުރާށޭ ކިޔާފައި ވަރަށް ގޮވަންވެސް ގޮވިން. އެކަމަކު ދަލޭކަ މަޑެއް ނުކުރި. ކޮންމެވެސް ކަމެއް ވެއްޖެކަން އަހަރެންނަން އެބަ އިނގޭ. ވެގެން އުޅެނީ ކިހިނެއްކަން ނޭންގެނީ. ބުނަން.. އަހަރެންގެ ހިތް އިތުރަށް ނުތަޅުވާ، ވެގެން ތިޔައުޅޭ ގޮތެއް އަވަހަށް ބުނޭ. އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފި. ހިތުގެ ތެޅުންވެސް އަވަސްވެއްޖެ." ކަމުގެ ހަޤީޤަތް އަދިވެސް އޮޅުން ނުފިލައިގެން އެދުރުދައިތަހުރީ ނުހަނު ހިތްއަވަސްވެ ހާސްވެފައެވެ.
"ވެގެން މި އުޅޭ ގޮތަކީ، ސައްތާރު އިއްޔެ ފަތިހު މަހަށް ދިޔައީ. އެދިޔަ މީހަ އަދިވެސް ނާދޭ… އެކަމާހުރެ ދަލޭކަގެ އެހެރީ ވަރަށް ނާޒުކު ފައްތަރެއްގަ. ވާނީވެސް އެހެންތާ ދޯ. މިވީހާތަނަށް ދުވަހަކުވެސް ވީކަމެއް ނޫންވީޔަ މިއީ… ސައްތާރު ބެހިގެން ދިޔައީ ކަމެއް، އެހެންރަށެއްގައި މަޑުކޮށްގެން ހުރީކަމެއް، އަދިވެސް ކަނޑުމަތީގައި ހުރީކަމެއް، ނުވަތަ ދިރިހުރިކަމެއްވެސް ނޭނގެއެއްނު. އެކަމާ ވިސްނާ ވިސްނާ ދަލޭކަ ސަކަރާތްވަމުން އެދަނީ. ވަރަށް އިރު ކެއްކޮށްފި އޭނަ. ހިތްވަރުކޮށްގެން ހުންނަން. އެކަމަކު މިހާރު އޭނަވެސް ހިތްވަރު އެލެމުން އެދަނީ. ފާއިތުވަމުންދާ ކޮންމެ ހިނދުކޮޅަކުވެސް އޭނަގެ ވޭން ދާނީ އިތުރުވަމުން." ދަލޭކައަށް ޖެހިފައިވާ ޙާލު ބަޔާންކޮށްދެމުން ދިޔަ އިރު ފާތުމައަށްވެސް ރޮވިއްޖެއެވެ.
އާދަނާއި ފާތުމަ އަދި އެދުރުދައިތަ، ތިން މީހުން ހަމަހިމޭން ކަމުގެ ސާލެއްގައި މަޑުޖެހިފައި ތިބުމަށްފަހު، ތިން މީހުން އެއްފަހަރާ، ކަތީބު ގާތަށްދާން ހިނގައިގަތެވެ.
———————————————————————————————————————————————————
ތެޅިގަލުން ހަދާފައިވާ ކުޑަކުޑަ އެތެރެގޭގައި ގުގުމާލާފައިވަނީ ދަލޭކަގެ ރުއިމުގެ އަޑެވެ. ދަލޭކަގެ ހާލަތު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގޯސްވަމުންނެވެ. ކުއްލިއަކަށް މޭގައި ރިއްސާގޮތް ވާން ފެށުމުން ދަލޭކަ ގޮސް އުތުރުއެނދުގައި އޮށޯވެ މޭގައި އަތް ބީއްސަމުން ދިޔައިރު ހިތުގައި ދިޔައީ ކުރިއަށްވުރެ ބާރަށް ދިލަނަގަމުންނެވެ. ރޮއެރޮއެ ލޮލުން ކަރުނަ ހުސްވާން ގާތްވެފައިވާ ފަދައެވެ. މާހައުލަށް ވެރިފައިވަނީ އަނދިރި ކަމެވެ. ފޫނުބެއްދޭފަދަ ފަޅުކަމެކެވެ. ދަލޭކަ ލޮލުކުރިމަތީގައި ސިފަމުން ދިޔައީ ސައްތާރާއި އެކު ހޭދަކުރި އުފާވެރި، ހަނދާނުން ފޮހެލަން ދަތި ހަނދާންތަކެވެ. ސައްތާރަކީ މޮޅު ލިޔުންތެރިއެއްވެސް މެއެވެ. ވަރަށް ގިނައިން ހުސްވަގުތުތަކުގައި އޭނާ ވާހަކަލިޔެ އުޅެއެވެ. ސައްތާރުގެ ގިނަ ވާހަކަތަކުގައި އޭނާ ސިފަކޮށްދީފައި ވަނީ، އެދެމީހުންގެ ދެމެދުގައި ހިއްސާކޮށްފައިވާ އުފާވެރި ހަނދާންތަކެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން، ސައްތާރު އެވާހަކަތައް ދަލޭކައަށް ކިޔާދޭއިރު ދަލޭކަ ނުހަނު ޝައުގުވެރިކަމާއެކު އަޑު އަހަން އިންދެއެވެ. އެހެންކަމުން، ސައްތާރުގެ އަޑަށްވެސް ދަލޭކަ ވަނީ ވަރަށް ބޮޑަށް ހޭނިފައެވެ. ސައްތާރުގެ އަޑުން ދަލޭކަގެ ހިތައް ލިއްބައިދިން ހިތްހަމަޖެހުން އަދިވެސް ލިބުންއެދި ދަލޭކަގެ ހިތް ދިޔައީ އާދޭސް ކުރަމުންނެވެ.
މޫނުމަތީގައިވާ ކަރުނަތައް ފޮހެލާފައި ދަލޭކަ އަށިމަތިން ތެދުވުމަށްފަހު، ކޮޓަރީގެ ކަނެއްގައި ބަހައްޓާފައި ހުރި ބޮޑު ފޮއްޓެއް ހުޅުވާލިއެވެ. އެ ފޮށީގައި، ސައްތާރު ލިއެފައިހުރި ވާހަކަފޮތްތައް ރައްކާކޮށްފައި ހުއްޓެވެ. ފޮށި ހުޅުވާލިއިރު އެންމެ ފުރަތަމަ ފެންނަން އޮތް ފޮތް ނެގުމަށްފަހު ދަލޭކަ އެ ފޮތް ހުޅުވާލި ހިނދު އޭނައަށް އަނެއްކާވެސް ރޯންފެށުނެވެ. އެއާއެކު، ބޭއިޙްތިޔާރުގައި އަނގަ މަތީގައި އަތް އެޅުނެވެ.
ދަލޭކަ ރޮއުން ހުއްޓާލަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ފޫދެމުންދިޔަ ކަރުނަތަކުގެ މައްޗަށް މިއަދު އޭނައަށް ބާރުފޯރުވޭ ވަރަށްވުރެ ހިތުގައި އުފެދެމުންދިޔަ ފާރުގަނޑު މާ ފުނެވެ. ހުދުބޯކިރަށްވުރެ ހުދު ދެލޮލުގައިވާ ހުދުކަންވެސް ވަނީ ގެއްލިފައެވެ. ދެލޮލުގެ ހިމަ ނާރުތައް ރަތްވެ ދެލޯހުރީ ފޮއްސިވެފައެވެ. ދަލޭކަ ހިފައިގެން އިން ފޮތުގެ ބަނޑޭރިގަނޑުވެސް ވަނީ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން ތެމި ފޯވެފައެވެ.
—————————————————————————————————————————————————————–
ބާރު ހިނގުމެއްގައި ފާތުމައާއި އާދަނު އަދި އެދުރުދައިތަ އައިސް ކަތީބުގެ ގެއަށް ވަންނަ މަންޒަރު ކަތީބަށް ފެނުމާއެކު އެމީހުންނާއި ދިމާލަށް ކަތީބުވެސް ހިނގައިގަތެވެ. އޭރު ރަށުގެ ކަމުވޮށޭ ގިނަ ބަޔަކު އެގޭގައި ކަތީބު އަރިހުގައި ތިއްބެވެ. މަންޒަރު ފެންނަ ގޮތުން ހީވަނީ އެމީހުން ނުހަނު ބޮޑު މަޝްވަރާއެއްގައި ތިބި ހެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރަށް ހާސްވެފައި ތިބި މަންޒަރެވެ. އާދަނުމެން ފެނުމާއެކު ކަތީބުވެސް ފުން ނޭވާއެއް ލާތަން ފެނުނެވެ. އެމީހުންނަކީ އާންމުކޮން ކަތީބުމެން ގެއަށް ނުވަތަ އެ އަވަށަށްވެސް ގޮސް އުޅޭ ބައެއް ނޫނެވެ. އެހެންކަމުން، އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ކަތީބައްވެސް އެނގެއެވެ.
ކަތީބު އާދަނާއި ސަލާންކުރުމަށް އަތްދިއްކޮއްލުމަންފަހު ބުންޏެވެ. "ކޮބާ އާދަނާ. ކޮން ކަހަލަ ވަޑާމެއްގައި ތިޔަ އައީ. އަންހެނުންވެސް ގޮވައިގެން. ވަރަށް އުފާވެއްޖެ އެހާ ގިނަ ދުވަހަށް ފަހުގައި ބައްދަލު ވީމައި. މިހާރު ދުވަސްކޮޅެއް ވެއްޖެތާ ދޯ ދިމާނުވާތާވެސް. ކިހިނެއްތަ ހާލު؟ ކިހިނެތް ކަންތައްތައް ދަނީ؟؟ އުންމީދު ކުރަން ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށް"….
ބަދަލުގައި އާދަނު ބުންޏެވެ. "އަޅުގަނޑުގެ މޫނަށް ބަލާލާފައި ހީފުޅުވޭތޯ ހުރިހާ ކަމެއް ދަނީ ރަނގަޅަށް ހެން. ތެދުތެދަށް ބުނަންޏާ، ކަންތައްތައް ދަނީ ގޯހުން ގޯހަށް. މި އުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން."
ކަތީބު ހުރީ އާދަނު ދައްކަމުން ދިޔަ ވާހަކަ ވަރަށް ކަނުލާ އަޑުއަހާށެވެ. އާދަނު ކަންތައްތައް ދަނީ ގޯހުން ގޯހަށް ކަމުގައި ބުނުމުން ކަތީބުވެސް ވަރަށް ހާސްވެއްޖެއެވެ. އާދަނު ކަތީބާއި ވާހަކަ ދައްކަމުން ދިޔައިރު، އެމީހުން ދެއްކި ވާހަކަ އަޑުއަހާ، އެ މަންޒަރު ބަލަން އެގޭތެރޭގައި ތިބި އެހެން ފިރިހެނުންތައް ދެލޯ ބޮޑުވެފައި ތިއްބެވެ. އެމީހުންގެ ހަރަކާތްތަކަށް ސަމާލުވެ ތިބި ފާތުމައާއި އެދުރުދައިތައަށް، ކޮންމެވެސް ކަމެއް ގޯސްކޮން ހިނގައިގެން އުޅޭކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. ސައްތާރު ގެއްލުމުގެ ފަހަތުގައި ފޮރުވިފައިވާ، އެމީހުންނަށް އިނގޭ ބޮޑު ސިއްރެއްވަނީބާއެވެ. ނުވަތަ ސައްތާރު ވީތަނެއް ނުވަތަ ސައްތާރު ދިޔަ ތަނެއް، ނުވަތަ ސައްތާރަށް ވީގޮތެއްގެ ހުލާސާ އެމީހުންނަށް އެނގެނީބާއެވެ؟.. މި ހުރިހާ ސުވާލުތަކެއް އައިސް ފުނިޖެހި ފާތުމަގެ ސިކުނޑި ވަށާލައިފިއެވެ. އޭނާގެ ސިކުނޑީގައި ފުނިޖެހެމުންދިޔަ ހުރިހާ ސުވާލުތަކަށް އޭނާ ޖަވާބު ހޯދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަތީބާއި އާދަނު ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި ފާތުމަ ކަތީބަށާއި މަންޒަރު ބަލަންތިބި ފިރިހެނުންނަށް އަމާޒު ކުރީ ސުވާލެކެވެ.
"މަޑުކޮށްބަލަ. އެހަށް އަހަރެންނަށް ފުރުސަތެއްދެވިދާނެތަ؟ އަހަރެން ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އެބަހުރި. އަހަރެން ސުވާލެއް ކޮށްފީޔާ ކަލޭމެންވާނެ އެއްވެސް ދޮގެއް ނަހަދާ ތެދުތެދަށް، ހަޤީޤަތަށް ޖަވާބުދޭން. މި ގަޑީގައި އަހަރެން މިކުރާ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންނަން ދޮގު ހަދާ އޮޅުވާލަން މަސައްކަތް ކޮށްގެން އެކަކަށްވެސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ."
"އާން. ފުރުސަތު ދީފިން. ދެން ތިޔަ ކުރަން ބޭނުންވާ ސުވާލެއް ކޮށްބަލަ". ކަތީބު ވާހަކަ ކުރުކޮށްލީ، ފާތުމަ ކުރަން ބޭނުންވެފައި ހުރި ސުވާލުކުރުމުގެ ފުރުސަތު އޭނައަށް ދިނުމުގެ ގޮތުންނެވެ.
"މި ގޭތެރޭގައި މަޝްވަރާގައި މިތިބަ މީހުން މި މަޝްވަރާކުރަނީ ކޮން މައުޞޫއަކަށްތޯ؟ އަޅުގަނޑަށް އެބަހީވޭ، ސައްތާރު ގެއްލުމާއި، ކަތީބުމެން ތިޔަ ކުރައްވަމުން ގެންދިޔަ މަޝްވަރާއާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް ވާހެން… މަސްލަހަތައް ބައްލަވާފައިވިޔަސް، އަޅުގަނޑުމެން ކައިރީގައި ވިދާޅުވެދެއްވަފާނަންތޯ އަޅުގަނޑަށް މި ހީވަމުންދާ ހީވުމަކީ ތެދެއްކަން ނުވަތަ ނޫންކަން."
ފާތުމަ ކުރި ސުވާލަށް ޖަވާބުދޭނޭ އެންމެ ބުއްދިވެރި ގޮތެއް ވިސްނަން ކަތީބަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އެވަގުތު ކަތީބު ބަސްހުއްޓިފައި، ހަމަހިމޭންވެފައި ހުރުމުން ފާތުމަ ހިތުގައި އުފެދެމުން ދިޔަ ޙިޔާލު، ޝައްކުން ޔަޤީންކަމަކަށް ބަދަލުވަމުން ދިޔަފަދައެވެ.
ކަތީބު ދޭނޭ ޖަވާބެއްގެ އިންތިޒާރުގައި ހުރި އެދުރުދައިތަވެސް ބަސްހުއްޓިފައި، ހުއްޓި ހުރި ތަނުން ގުޑުވާލަން ނޭންގިފައި ހުއްޓެވެ. އޭނާގެ ދެއަތުން ދެއަތުގެ އިނގިލިތަކުގައި ހިފައި ވާންކުރަމުން ދިޔައިރު، ހިތުގެ ހިނގުންވެސް ދިޔައީ އަވަސްވަމުންނެވެ.
"އާން ފާތުމާ.. މި އުޅެނީ ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން… ވީ ގޮތަކީ، މިއަދު ހެނދުނު މި އަވަށުގައި އުޅޭ ދެތިންމީހަކު ދިޔައީ ވަލަށް. ހިއްތަލަ ކޮންނަން ވެގެން… އެމީހުން ފުއްޓަރުފަރާތު ވަލުން އެތެރެއަށް ދިޔަދިޔުމުގައި އެތަނުން އެކަކަށް ފެނުނީ އިންސާނެއްގެ ހަށިގަނޑު. އެ މީހާ އޮތީ ވަރަށް އަނިޔާވެރިކޮށް މަރާލާ ކަތިލާފަ. އެމީހުންނަށް ފެނުނީ ހަމައެކަނި މޫނުން ތިރި. ދެންހުރި ބައިތައް ވީނުވީ ތަނެއްވެސް ނޭނގެ. އެމީހުން ބުނިގޮތުންނަމަ، ވަލުތެރޭގެ ކައިރި ހިސާބުތައްވެސް އެމީހުން ބެލި.. ހަށިގަނޑުގެ ބާކީހުރި ބައިތައް ފެނޭތޯ. އެކަމަކު އެމީހުންނަށް އެވަގުތު އެބައިތައް ފެންނަގޮތެއް ނުވި… އެހެންވެ އެކަމާހުރެ އަހަރެމެން މިތިބީ ހަދާނެގޮތް ހުސްވެފަ ހަޤީޤަތަށް ބުނަންޏާ. އެފަދަ ލާއިންސާނީ ރަހުމުކުޑަ ގޮތަކަށް މީހަކު މަރާލާފައި އޮށްވާ އަދިއަދަށްވެސް މި ރަށުގަ ކީއްކުރަން، މި އަތޮޅުގަވެސް ހިއެއްނުވޭ ފެނުނުހެންނެއް." ކަތީބު ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ އަޑުވެސް ދިޔައީ ތުރުތުރުލަމުންނެވެ. މޫނުމައްޗަށް ބަލާލުމުން ކަތީބު ހާސްވެ ކަންބޮޑުވެފައިހުރި މިންވަރު އެނގި ހާމަވާންހުއްޓެވެ.
"ސުބުހާނަﷲ…. މާތްކަލާކޯ…. އަނެއްކާ އެއީ މަގޭ ސައްތާރުބާ……."" ކަތީބު ދެއްކި ވާހަކައިން އެދުރުދައިތަކެ ފައިކޮޅުން ބާރުދޫވެ ވެއްޓެން ދާތަން ފެނުމުން އާދަނާއި ފާތުމަ އެދުރުދައިތަގެ ދެއަތުގައި ހިފަހައްޓައިގެންގޮސް، ކަތީބުގެ ގޭތެރޭގައި ބޭންދިއެވެ. އެދުރުދައިތަގެ ހާލަތު ވަރަށް ގޯސްވެއްޖެއެވެ. އެދުރުދައިތައަށް ގަބޫލުކުރެވޭ ގޮތުގައި، މަރާލާފައި އޮއްވާ ފެނިގެން އެއުޅެނީ ސައްތާރެވެ. އެދުރުދައިތަގެ ހިތްފަޅައިގެން ދިޔަފަދައެވެ. ވާނީވެސް އެހެންތާއެވެ. ސައްތާރަކީ ޅަފަތުންސުރެ ޔަތީމު ހާލުގައި އެދުރުދައިތަ، އޭނާގެ އަމިއްލަ ދަރިއެއް ފަދައިން ބަލާބޮޑުކުރި މީހެކެވެ. އެހެންކަމުން ސައްތާރަށްޓަކައި އެދުރުދައިތަގެ ހިތުގައި އުފެދިފައިވަނީ މައިވަންތަކަމުގެ މަތިވެރި ލޯތްބެވެ. ލިބުނު ޙަބަރެއްގެ ހިތްދަތިކަމުން އެދުރުދައިތަ ރޮމުން، މޭގައި އަތްކާތަމުން ދިޔައިރު ކަތީބާއި، ފާތުމައާއި އާދަނުގެ އިތުރުން އެތަނުގައި ތިބި ފިރިހެނުންތައްވެސް މަސައްކަތްކުރަމުން ދިޔައީ އެދުރުދައިތަ ހަމައަކަށް އަޅުވާށެވެ. ދަލޭކައާއި ހިސާބަށް އެ ޙަބަރު އެގޮތަށް ފޯރައިފިނަމަ ދަލޭކަގެ ހިތަށް ކުރާނެ އަސަރާއި މެދު ވިސްނި ފާތުމަވެސް ފެންކަޅިވެއްޖެއެވެ. "ކެއްކުރޭ ފާތުމާ… އިރާދަކުރެއްވީޔާއީ ސައްތާރު އަދިވެސް ހުންނާނީ ގަދަވެ ސަލާމަތުން.. އިރާދަކުރެއްވީޔާ އޭނަ ގަދަވެ ސަލާމަތުން ހެޔޮހާލުގައި ހުއްޓައި އަހަރުންނަށް އޭނަ ފެންނާނެ." ފާތުމަ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮހެލަމުން އާދަނު ހިތްވަރުދިނެވެ.
"އާން.. އަހަރެމެންނަށް އަދި ޔަޤީނަށް ބުނާކަށް ނޭނގެ އެއީ ކާކުގެ ހަށިގަނޑެއް ކަމެއް. ބެލެވޭ ގޮތުގައި ވަލުތެރޭގެ ކޮންމެވެސް ހިސާބެއްގައި ވަޅުލާފައި ނުވަތަ އެއްލާލާފައިވިޔަސް އޮވެދާނެ ބުރިކޮށްލާފަ އޮތް ބޯ… ބޯ ފެނިއްޖެނަމަ އަހަރެމެންނަށް މާ އުނދަގުލެއް ނުވާނެ އެމީހަކު ވަކިކުރާކަށް. އަހަރެމެން މި ރާވަނީ ބައިބަޔަށް ބަހާލައިފަ، މުޅި ރަށުގެ ރައްޔިތުން ނިކުމެ ވަލުތެރެބަލަން. ބުރިކޮށްލާފައި އޮތް ބޯ ހޯދަން. އަހަރެމެން މިތިބީވެސް އެ މަޝްވަރާގައި. އެންމެން އެއްބަސް ކިޔާފައި ހޯދަން މަސައްކަތް ކޮށްފީޔާއީ އިރާދަކުރެއްވީޔާއީ ފެންނާނެ…" ކަތީބު ބުންޏެވެ.
—————————————————————————————————————————————————————-
"އަހަރެން މިއައީ އާމިރު ނިންދަވާފައި. އެ ފަކީރު ވަރަށް ހާލުން ނިންދުނީ. އަހަރެން އެކަށް ބަލިކޮށްލައިފި." ހަލީމަ ދައްކަމުންދިޔަ ވާހަކަ ނިންމާލެވޭ ގޮތެއްނުވިއެވެ. ގައިހުރިބާރަށް ދުއްވާފައި ދިޔަ ހަލީމައަށް ބޭރަށް ނުނިކުމެ އުޅެނިކޮށް ހޮޑުލެވިއްޖެއެވެ. ހަލީމަ އަވަސްއަވަހަށް ގޭ ބޮޑުގިފިއްޔަށް ނިކުމެ އެތަނުގައި ހުރި ކެޔޮފީން ތެރެއަށް ހޮޑުލަމުންދިޔައެވެ. ހަލީމަގެ ފަހަތުން އުސްމާނު ދުވެފައި އައިސް އޯކަށް ދެމެމުންދިޔަ ހަލީމަގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ. ހަލީމަ ހުރީ ހުސްގޮހޮރާއެވެ. މާގިނަ އިރުތަކެއް ނުވެ ހޮޑުލުން ހުއްޓިއްޖެއެވެ. އެހެންނަމަވެސް އަދިވެސް އޭނާ ދިޔައީ އޯކަށް ދެމެމުންނެވެ. އުސްމާނު ހަލީމަ ގައިގައި ހިފަހައްޓައިގެން އައިސް ކައިރީގައި ހުރި ޖޯލިފަތީގައި ހަލީމަ ބޭންދިއެވެ. އަދި ބޭރު އަށިމަތީގައި ބަހައްޓާފައިއޮތް ކުރުނބާ އިހަލުން ކުރުބަލެއް ހަދާފައި ހަލީމަ އަތަށް ދިނެވެ. ހަލީމަ މަޑުމަޑުން ކުރުނބަލުގައި ހިފުމަށްފަހު ކުރުނބާ ބޮމުން ދިޔައިރު ކައިރީގައި އިށީނދެ އިނދެ އުސްމާނު ދިޔައީ ހަލީމަ ބޮލުގައި ފިރުމަމުންނެވެ.
"މަށަށް ދެންމެގަވެސް ސިފަވީ ރޭގަ ހިނގި ހާދިސާގެ އަނިޔާވެރި މަންޒަރުތައް…. އުސްމާނު އޭނަގެ ބަނޑުމަތީގައި ފުރޯއިން ޖެހި ހިނދު އޭނަގެ ގޮހޮރު ބަނޑުން ނިކުމެގެން ތަޅުންގަނޑު މައްޗައް ވެއްޓުނުއިރު އެ ފެނުނު މަންޒަރު މަގޭ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ. ކީއްވެގެންތަ އެވަރުގެ ބޮޑުކަމެއްކުރީ. އިންސާނެއްގެ ދިރިހުރި ފުރާނައެއް މަރާލާފައި އެކަން ފޮރުވަންވެގެން، އެއްވެސް ރަޙުމެއްނެތި އޭނަގެ ހަށިގަނޑު ތިޔަ ކަތިލީ… އުސްމާނުގެ ހިތުގައި އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީތަ؟ މިވަގުތު އުސްމާނު ކައިރީގައި މިގޮތަށް އިންނަން އަހަރެން ވަރަށް ބިރުވެސް ގަނޭ އެބަ. އަންނަ ރުޅީގައި މަގޭ ކަތިލަންވެސް އުސްމާނު ފަހެއްނުޖެހޭނެ" ހަލީމައަށް އަނެއްކާވެސް ރޮވުނެވެ.
"ހަލީމައަށް ރޭގައި ކަންތައްވީގޮތުގެ ހަޤީޤަތް އޮޅުންފިލާނަމަ ތިޔަހެނެއް ނުބުނާނެ. ނިކަން އެއްފަހަރުވެސް އަހަރެންގެ ނަޒަރުން ވިސްނާލަބަލަ. މަގޭ އަތަކުން ނޫނޭ އޭނަ މަރުވީ…" މާޔޫސްވެފައިވާ އުސްމާނު އިސްދަށަށް ޖަހައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު ހަލީމަގެ ދެލޯވަނީ ކަރުނުން ފުރިބާރުވެފައެވެ.
—- ނުނިމޭ —–
3 ވަނަ އެޕިސޯޑް ވިދާޅުވުމަށް: