18 ޖަނަވަރީ 2025
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ސައީދާ އަވަހާރަވެއްޖެ

ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ހ. ފޮއްދޫގެ ސައީދާ މުޙައްމަދު އަވަހާރަވެއްޖެއެވެ. ސައީދާ އަވަހާރަވީ، ހުކުރު ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ސައީދާ އަވާހަރަވިއިރު، އޭނާގެ އުމުރުފުޅަކީ 72 އަހަރެވެ. އަދި އޭނާގެ 7 ދަރިން އެބަތިއްބެވެ.

ސައީދާއަކީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ކުރިން ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވިސާމް ޢަލީގެ މަންމާފުޅެވެ. އަދި ކުރީގެ މިނިސްޓަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރ، އަދި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަޙްމަދު ތަސްމީން ޢަލީގެ މައިދައިތައެވެ. މީގެއިތުރުން، އޭނާއަކީ މެޑިކަލް ސްކޫލްގެ ޑީންގެ މަޤާމް އަދާކުރައްވަމުންގެންދަވާ، ޑރ. ޝީޒާ ޢަލީގެ މަންމާފުޅު ވެސް މެއެވެ. ހަމައެހެންމެ، ކުރީގެ ކަސްޓަމްސް ސްޕްރިންޓެންޑެންޓްގެ މަޤާމު ފުރުއްވި، ވިޒާދު ޢަލީއަކީ ސައީދާގެ ދަރިކަލެކެވެ.

ސައީދާއަކީ ރާއްޖެއިން ސުވިޒަލޭންޑަށް ކަނޑައަޅާފައި ސަފީރު، އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާސިމުގެ މައިތަދައިތަ ކަން ވެސް ފާހަގަކޮށްލަމެެވެ.
ސައީދާގެ ކޮންމެ ދަރިކަލަކީވެސް ޢިލްމީ ޤާބިލް، އަދި ދިވެހި ޤައުމަށް ނުހަނު އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުންދާ ފަރާތްތަކެއް ކަން ފާހަގަކުރެވެއެވެ.

ސައީދާ މުހައްމަދުއަކީ ހިތްވަރުގަދަ ކަމާއިއެކު އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ނަމޫނާ ބޭކަނބަލެކެވެ. ސައީދާއަކީ ޢާއިލީ ގުޅުން ބަދަހިކުރެއްވި، މީހުންނާ ގުޅޭ ހިތްހެޔޮ، ލާމަސީލު ބޭކަނބަލެކެވެ.

ސަޢީދާ މުޙައްމަދަކީ، 1971 ވަނައަހަރު ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޖަސްޓިސްގެ ތެފްޓް ޓްރައިލްސް ޑިވިޜަންގެ ކާތިބާއެއްގެ މަގާމުގައި ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. އަދި 1974 ޖަނަވަރީ 24 ން ފެށިގެން، އެލައިޑް ހެލްތް ސަރވިސަސް ޓްރޭނިންގ ސެންޓަރުގައްޔާއި، ފަހުން، ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި 20 އަހަރަށްވުރެ ގިނަދުވަހު ތަފާތު މަގާމުތަކުގައި ހުންނަވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހެލްތަށް ބަދަލު ކުރެއްވުމުން އެ މިނިސްޓްރީގައާއި، އެ މިނިސްޓްރީގެ އެކިއެކި މުއައްސަސާތަކުގައި ތަފާތު މަގާމުތައް ވަނީ ފުރުއްވައިފައެވެ. މި ގޮތުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގައި ތަފާތު މަގާމުތައް ސަޢީދާ ފުރުއްވައިފައި ވެއެވެ.

ސަޢީދާގެ ޚިދުމަތުގެ މި ދިގު މުއްދަތުގެ ތެރޭގައި، މި ސަރަޙައްދަށް ކުރިމަތިވި އެންމެބޮޑު ކާރިސާ ކަމަށްވާ ސުނާމީ ކާރިސާ މެދުވެރިވިއިރު ޚިދުމަތް ކުރައްވަމުން ގެންދެވީ، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެންނެވެ. އެ ދުވަސްވަރަކީ، އެ އޮތޯރިޓީގައި، ސާފުތާހިރުކަން ދެމެހެއްޓުމާބެހޭ ޕްރޮޖެކްޓެއް ހިނގަމުންދިޔަ ދުވަސްވަރެއްކަމުން، އެ ޕްރޮޖެކްޓްގެ ތެރެއިން، ސާފު ތާހިރު ދިރިއުޅުމެއްގައި ބޭނުންވާނެ ހުރިހާ ބާވަތެއްގެ އެއްޗެހި، ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ހާލުގައި ޖެހުނު 38 ރަށަށް މަސްދުވަހަކަށް ވާވަރަށް ފޯރުކޮށް ދެއްވުމުގައި، ސަޢީދާ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި އޭރު މުޅި ރާއްޖެއޮތީ، ސާފު ބޯފެން ލިބޭނެގޮތެއް ނެތިފައިކަމަށްވުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކޮންމެ ގެއަކަށް ޔުނިސެފް މެދުވެރިކުރައްވައި، ފެން ރައްކާކުރާނެ 2500 ލީޓަރުގެ ކަޅުހަމެއް ހޯއްދަވައިދެއްވައި އެރަށްރަށަށް ފޮނުއްވުމުގައިވެސް ސައީދާ ވަނީ އިސްދައުރެއް އަދާކުރައްވައިފައެވެ.

ސަޢީދާއަކީ، ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައާއި، މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް، ދިވެހިބޭސްވެރިކަން ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން، ދިވެހިބޭސްވެރިކަން ކުރުމަށް ހުއްދަދެވޭނެ އުސޫލުތަކެއް ރާއްވަވައި، އެ އުސޫލުތަކުގެ ދަށުން ހުއްދަ ދެއްވަން ފެށްޓެވިއެވެ. އަދި "ވެށި" ޖަމުޢިއްޔާއާ ގުޅިގެން، ޚިދުމަތުގައި ތިބި ދިވެހި ބޭސްވެރިންނާބެހޭ ދިރާސާއެއް ހެއްދެވިއެވެ. އެ ދިރާސާގެ ނަތީޖާއިން، ޚިދުމަތުގައިތިބި ދިވެހިބޭސްވެރިންގެ އެވްރެޖު އުމުރަކީ 55 އަހަރުކަމަށް ދެއްކުމުން، މިނިސްޓަރުގެ ލަފާފުޅުގެމަތިން ދިވެހި ބޭސްވެރިކަމާބެހޭ މަހާސިންތާއެއް ބާއްވަވައި، އެ މަހާސިންތާގެ ތެރެއިން ދިވެހިބޭސްވެރިންގެ ޖަމުޢިއްޔާއެއް އުފައްދަން ބޭނުންވާ ހުރިހާ މަސައްކަތެއް ސަޢީދާ ކުރެއްވިއެވެ. ހިލޭސާބަހަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ އެހީއާއެކު އެ ޖަމުޢިއްޔާ ރަޖިސްޓަރީ ކުރުމުގެ ކަންކަން ފުރިހަމަކުރައްވައި، ދިވެހިބޭސްވެރިންގެ ޖަމުޢިއްޔާ ވުޖޫދު ކުރައްވައިފައި ވެއެވެ. އަދި ދިވެހި ބޭސްވެރިންގެ ޖަމްއިއްޔާގެ ރައީސާކަން ވެސް މިހާތަނަށް ކުރައްވަމުން ގެންދެވިއެވެ. ދިވެހި ބޭސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކުގެ ތެރެއިން ދިވެހި ބޭހުގެ ހަޒާނާ ތެރެއިން ފޮތް ނެރުމާއި ލާމުއަތޮޅު ގައި ވެލްނަސް ސެންޓަރ ކްލިނިކް ނަމުގައި ދިވެހި ބޭސް ކްލިނިކް އެއް ގެ ހިދުމަތް ދިނުމާއި މި ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެއްވިއެވެ ސަޢީދާއަކީ، އޯލްޓަރނޭޓިވް މެޑިސިން ގެ ރޮނގުން ޑިޕްލޮމާއާއި، މާސްޓަރޒް ލެވެލްގައި ތަޢުލީމު ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.

ދިވެހި ބޭސްވެރިކަމާ ބެހޭގޮތުން ސައީދާ ލިޔުއްވި ފޮތެއް

ސަޢީދާއަކީ، ޞިއްޙީ ދާއިރާގެ އެކި މަގާމުތައް ފުރުއްވުމުގެ އިތުރުން، މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއަރގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަޤާމުގައިވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

38 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ސަރުކާރުން ވަކިވެވަޑައިގެންނެވިއިރު ސަޢީދާ ހުންނެވީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

މާތް ﷲ، ސަޢީދާ މުޙައްމަދުގެ ފުރާނަފުޅަށް ޖަންނަތުލް ފިރްދައުސްގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، ސައީދާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު