މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ވެސް އައްޑޫ ސިޓީ ބޭފުޅެއް ކަމަށްވާ، ކުރީގެ ތަޖުރިބާކާރު ޕްރިންސިޕަލް ޑރ. އަޙްމަދު އަދީލް ނަސީރު ހަމަޖެއްސެވިކަން މިރޭ އިއުލާނުކޮށްފިއެވެ.
މިހާރު ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދާ ޖަލްސާގައި ރަނިންމޭޓް ޑރ. އަދީލުގެ ނަން އިއުލާނު ކުރައްވާފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމެވެ.
ނާޒިމް ވިދާޅުވީ، މި ކެމްޕެއިން ފެށުނީއްސުރެ އޭނާ ދަންނަވަމުން ދިޔައީ އަމާޒަކީ ރާއްޖެއަށް އަދަށްވުރެ ފަހި މާދަމާއެއް ހޯދައިދެއްވުން ކަމަށާއި، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، ގައުމު ހަމަމަގަށް އަަޅުވާނެ ބަޔަކު ހޯދައިދެެއްވާނެ ވާހަކަ ކަމަށެވެ.
"އަދި އަޅުގަނޑުމެންގެ ޓީމަކީ ތައުލީމީ ފަސްބައިގައި ކިލަނބު ކަމެއް ނެތް، ހުރިހާ ކަމެއް އަޅުގަނޑުމެންގެ އަމަަލާއި ބަސް ދިވެހި ގައުމަށް އިސް ކުރަން ޖެހޭނެ.”
ނާޒިމް ވިދާޅުވިއެެވެ.
ނާޒިމް ވިދާޅުވީ، އޭނާ ރަނިންމޭޓް ކަނޑައެޅުމުގައި ބެލި ކަންކަމުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާއި، ތައުލީމީ ޒުވާން ފަންނުވެރިން ހޯދުން ކަަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަަލައަކީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ހަލާކުވުން ކަމަށާއި، ރާއްޖޭގެ ތަރައްގީ އަތްމަތިން ބީވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދީލްއަކީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޔުނިވާސިޓީ އޮފް މެލޭޝިއާގައި މާސްޓާސް ހެއްދެވުމުގެ އިތުރުން، ބްރޫނާއީގައި ރައީސްގެ ހާއްސަ ސްކޮލާޝިޕެއްގެ ދަށުން ޔުނިވާސިޓީ އޮފް ދާރުއްސަލާމުގައި ޑރ. ފިލޯސަފީ އެޑިއުކޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އާދިލް ވަނީ އައްޑޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައި، އެ ސިޓީގެ ހައި ސްކޫލާއި މެދުވަލު ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ އިސްލާމިއްޔާ ސްކޫލްގައިވެސް މަސައްކަތް ކުރައްވާފައެެވެ. އަދި އެކި އެކި ޔުނިވާސިޓީތަކުގައި ވިޒިޓިންގ ލެކްޗަރާއެއްގެ ގޮތުގައިވެސް މަަސައްކަތް ކުރައްވާފައިވާ ކަން ފާހަގަކުރެވެއެވެ.
2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން އަދީލް ވާދަކުރެއްވެވި، ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލްއެވެ.
އެމްއެންޕީން ރިޔާސީ ކެންޑިޑޭޓް ނާޒިމް އިންތިހާބުގެ ކެމްޕޭނަށް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެެވެ.