އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.
ރައީސް ޞާލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ.
އެމްޑީޕީގެ ޓިކެޓު ރައީސް ޞާލިޙް ކަށަވަރު ކުރެއްވީ އެ ޕާޓީން ބައިވެރިވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. އެ ޕްރައިމަރީގައި ރައީސް ޞާލިޙް ވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ 2 ޖަހާއިރު ހަމަވާނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް އައިއިރު، ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެކަމަކު، އެމަނިކުފާނުގެ ކެންޑިޑެސީއާ މެދުގައި ސުވާލު އުފެދިފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން ދެންމެ ނިންމާފައިވަނީ އެމަނިކުފާނަށް ކުރިމަތި ނުލެއްވޭނެ ކަމަށެެވެ.