މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާ، މާލޭ މޭޔަރު، ޑރ. މުހައްމަދު މުއިއްޒުގެ ކެނޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ތައްޔާރުވާން ފަށައިފިއެވެ.

މާދަމާ މުއިއްޒުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސްއަށް ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް މުއިއްޒުގެ ފަރާތުން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މުއިއްޒު މާދަމާ އިލެކްޝަންސްއަށް ފޯމު ހުށަހަޅަން ތައްޔާރީތައް ވަމުން އަންނައިރު، ރައީސް ޔާމީންއާއި ދެކޮޅަށް ސުޕްރީމް ކޯޓުން މިއަދު އިންތިހާބީ މައްސަލަ ނިންމުމުން، ރައީސް ޔާމީން ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

އެމަނިކުފާނު އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވާލި ނަމަވެސް، ޕީޕީއެމް ސެނެޓުން ފާސް ކޮށްފައިވަނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ.

މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ބަލައި އިދިކޮޅުން ވާދަ ކުރައްވާނީ މުއިއްޒު ކަމަށް ނިންމައިގެންނެވެ.

ސާބިތު ދަރަންޏެއް އޮތުމުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅާފައެވެ.

ސާބިތު ދަރަންޏެއް އޮތުމުން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ. އެ ރައުޔުއަށް ހުރިހާ ފަނޑިޔާރުން ތާޢީދުކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ނަން ޕީޕީއެމުން ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން، އެމަނިކުފާނުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ކެނޑިޑަސީ ބަލައި ނުގަތުމަށްވަނީ ނިންމަވާފައެވެ. އެ ނިންމުން ސުޕްރީމް ކޯޓަށް ހުށައެޅުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ފާރާތުން 3 ކަމަކަށް އެދިވަޑައިގެންފައިވެއެެވެ. އޭގެެ ތެރޭގައި އިސީގެ ނިންމުން ބާތިލުކުރުމާއި އެކަން އެހެން ނުވެ އެމަނިކުފާނަށް ކުރމަތިނުލެވޭނަމަ އިތުރު މީހަކު ޕީޕީއެމުން ނެރުމަށް ވަގުތު ދެއްވުންވެސް ހިމެނެއެވެ.

އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ކެނޑިޑޭޓެއް ނެރެން ނިންމާ އެޕާޓީން ވަނީ ޑރ. މުހައްމަދު މުއިއްޒަށް ރިޔަސީ ކެނޑިޑޭޓްކަންވެސް ދީފައެވެ.

ސުޕްރީމް ކޯޓްގައި ހިނގާ މައްސަލައިގެ ތެރެއަށް ދައުލަތުގެ ބަންޑާރަ ނައިބާއި ޕީޕީއެެމުން ވަނީ ތަަދައްހުލްވެފައެވެ. ބަންޑާރަ ނައިބް މައްސަލައިގެ ތެރެއަށް ވަނީ ސުޕްރީމްކޯޓްގެ އެންގެވުމަށެވެ. ޕީޕީއެމުން މައްސަލައިގެ ތެރެއަށް ވަނީ އެޕާޓީން އަމިއްލައަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ.

މިފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު