ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ފޯމު ހުށަހެޅުއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް އާއި އެމްއެންޕީގެ ލީޑަރު، މުޙައްމަދު ނާޒިމްގެ ކެނޑިޑޭސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް, އިސްމާއީލް ހަބީބު މިރޭ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ރައީސް ޞާލިހް އާއި ނާޒިމްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އެ ދެ ބޭފުޅުންނަކީ ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އެކޮމިޝަނުން މިރޭ ޤަބޫލު ކޮށްފައިވާ ކަމަށެވެ.
2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި…
— Ismail Habeeb (@IsmailHabeeb) August 6, 2023
އެމްޑީޕީގެ ޓިކެޓު ރައީސް ޞާލިހް ކަށަވަރު ކުރެއްވީ އެ ޕާޓީން ބައިވެރިވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އަށް އަރުވާފައިވަނީ މިދިޔަ މޭއި މަހުގެ 26 ވަނަ ދުވަހުއެވެ. ނާޒިމްގެ ރަނިން މޭޓަކީ އައްޑޫ ސިޓީ ބޭފުޅެއް ކަމަށްވާ ޑރ. އަހުމަދު އަދީލް ނަސީރުއެވެ. އަދީލް އަކީ ތައުލީމީ ދާއިރާގައި އެތައް އަހަރެއް ވަންދެން ހިދުމަތް ކުރައްްވާފައިވާ ބޭފުޅެކެވެ.