އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބާއި މެދު ޕީޕީއެމް ލީޑަރޝިޕަށް އަދިވެސް ގޮތެއް ނުނިމި، މަޝްވަރާތައް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ނަމަވެސް އެ ސެނެޓް ބައްދަލުވުމުގައި ނެގި ވޯޓުގައި 67 މެމްބަރުން ވޯޓު ދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމާ ދެކޮޅަށެވެ. ބޮއިކޮޓް ކުރަން ފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވިއެވެ.
ޕީޕީއެމްއިން އެފަދައިން ނިންމާފައި އަނެއްކާ ވެސް މިރޭ ވަނީ ލީޑަރޝިޕްގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވެސް އިންތިހާބާއި މެދު ގޮތެއް ނުނިންމޭކަން "ވަގުތު" އަށް ވަނީ އެނގިފައެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެބޭފުޅުން އަދި ވަގުތު ކޮޅެއް ބޭނުންވާ ކަމަށެވެ. ރައީސް ޔަމީން އަދިވެސް ގޮތް ދޫ ނުރައްވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޕީޕީއެމް އޮފީސް ކުރިމަތީ ހުންނަވައިގެން މިރޭ ޝިޔާމް ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގަ މިހާ އުނދަގޫ ވަގުތެއް އަދި ނާންނަ ކަމަށާއި "އަޅުގަނޑު މިހުރީ ދެކޮޅުން ފިތިފަ" ކަމަށެވެ.
ޔާމީންގެ އެންގެވުމާ ގުޅިގެން ޕީޕީއެމްގެ ސެނެޓްގައި އެކަމުގެ މަޝްވަރާތައް ދަނީ ކުރިއަށެެވެ.
ސާބިތު ދަރަންޏެއް އޮތުމުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅާފައެވެ.
ސާބިތު ދަރަންޏެއް އޮތުމުން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ. އެ ރައުޔުއަށް ހުރިހާ ފަނޑިޔާރުން ތާޢީދުކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ނަން ޕީޕީއެމުން ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން، އެމަނިކުފާނުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ކެނޑިޑަސީ ބަލައި ނުގަތުމަށްވަނީ ނިންމަވާފައެވެ. އެ ނިންމުން ސުޕްރީމް ކޯޓަށް ހުށައެޅުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ފާރާތުން 3 ކަމަކަށް އެދިވަޑައިގެންފައިވެއެެވެ. އޭގެެ ތެރޭގައި އިސީގެ ނިންމުން ބާތިލުކުރުމާއި އެކަން އެހެން ނުވެ އެމަނިކުފާނަށް ކުރމަތިނުލެވޭނަމަ އިތުރު މީހަކު ޕީޕީއެމުން ނެރުމަށް ވަގުތު ދެއްވުންވެސް ހިމެނެއެވެ.
އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ކެނޑިޑޭޓެއް ނެރެން ނިންމާ އެޕާޓީން ވަނީ ޑރ. މުހައްމަދު މުއިއްޒަށް ރިޔަސީ ކެނޑިޑޭޓްކަންވެސް ދީފައެވެ.
ސުޕްރީމް ކޯޓްގައި ހިނގާ މައްސަލައިގެ ތެރެއަށް ދައުލަތުގެ ބަންޑާރަ ނައިބާއި ޕީޕީއެެމުން ވަނީ ތަަދައްހުލްވެފައެވެ. ބަންޑާރަ ނައިބް މައްސަލައިގެ ތެރެއަށް ވަނީ ސުޕްރީމްކޯޓްގެ އެންގެވުމަށެވެ. ޕީޕީއެމުން މައްސަލައިގެ ތެރެއަށް ވަނީ އެޕާޓީން އަމިއްލައަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ.
މިފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ