Monday, 14 October 2024

ޕީޕީއެމްގެ ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން، މުއިއްޒު ނެރެން އެއްބަސްވެއްޖެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހެއްދެވި ނަމަވެސް، ޕީޕީއެމް ކޯލިޝަންގެ ގިނަ ބޭފުޅުން، ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން އެއްބަސްވެ، ކެންޑިޑެސީ މާދަމާ ހުށަހަޅަން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެމަނިކުފާނު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެންނެވިއެވެ.

ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަޣްލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.

އެހެންނަމަވެސް ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފަ އެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފައެވެ.

އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވެސް އަޣްލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.

އޭގެފަހުން، ދެ ޕާޓީގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ވަނީ އެ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރެން އެއްބަސްވެފައެވެ. މުއިއްޒަކީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނެރެން ކުރިން ނިންމާފައިވާ ކެންޑިޑޭޓެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާއިރު، އޭގެކުރިން މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅާނެ ކަން ވަނީ އެނގިފަ އެވެ. އެކަމަކު މި ކަމުގައި މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި، މުއިއްޒު ރިޔާސީ ރޭހަށް ނުކުންނަވައިފިނަމަ، ޕީޕީއެމްގެ ތާއީދު އޭނާއަށް ނެތް ކަމަށް ބުނެ ރަސްމީކޮށް ބަޔާން ނެރޭނެ ކަމުގެ އިންޒާރު ޔާމީން ވަނީ ދެއްވައިފަ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމުން، މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓުގެ ގޮތުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ.

މިފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު