ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް އަރަން ޕީޕީއެމް ލީޑަރޝިޕުން އެއްބަސް ވެއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ޚަބަރު ލިބޭގޮތުގައި ޕީޕީއެމް އާއި ޕީއެންސީ ލީޑަރޝިޕުން މުއިއްޒުގެ ފަހަތަށް އަރަން ނިންމި ނަމަވެސް، ދެ ޕާޓީ ތެރޭގައި މުއިއްޒު ފަހަތަށް އަރަން ބޭނުން ނުވާ ބަޔަކު އެބައުޅެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްއަށް އިތުރު ފުރުސަތެއް ހޯދަން ރައީސް ޔާމީން އިސްވެ އަންގާފައެއް ނުވެއެވެ. ނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެގޮތަށް އެދުނުކަމަށް އަޑުތައް ފެތުރުނެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު، އެމަނިކުފާނު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަޣްލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.
އެހެންނަމަވެސް ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފައެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި ވެސް އަޣްލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާއިރު، އޭގެކުރިން މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅާނެ ކަން ވަނީ އެނގިފައެވެ. އެކަމަކު މި ކަމުގައި މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކޮން ޔާމީނެއް! ތިޔަ ޕާރޓީއަކީވެސް ޔާމީން ޖަހައިގެންފާ އޮތް ޕާރޓީ އެކެވެ. ޔާމީނު ގަބޫލަސް ނުގަބޫލަސް މުއިޒް ފޯރމްލާށެވެ. ޠާމީނާއި ޖަމީލާއި ކޯރޓްތަކުގައި ބައިތިއްބާށެވެ. ތިބެދާނެ ނޫންހެއްޔެވެ.