ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއަށް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތާޢީދުކުރައްވަން ނިންމަވައިފިއެވެ.
މިކަން ޕީޕީއެމް ކޯލިޝަންގެ ސެނެޓް މެންބަރަކު ވަނީ "ފިޔަ އޮންލައިން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ރައީސް ޔާމީން، ޑރ. މުޢިއްޒުއަށް ތާޢީދު ކުރައްވަން ނިންމަވާފައިވާ ކަމަށާއި، ކެންޑިޑެސީ ފޯމު ނުލައްވާ މަޑުކުރެއްވީ، ރައީސް ޔާމީންގެ ތާޢީދު ލިބިވަޑައިގަތުމުން ފޯމު ހުށަހަޅުއްވަން ކަމަށެވެ.
އެެހެންކަމުން، މިހާރު ފޯމު ހުށަހެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު، އެމަނިކުފާނު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަޣްލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.
އެހެންނަމަވެސް ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފައެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވެސް އަޣްލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާއިރު، އޭގެކުރިން މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅާނެ ކަން ވަނީ އެނގިފައެވެ. އެކަމަކު މި ކަމުގައި މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމުން، މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓުގެ ގޮތުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތާއީދު ކުރެއްވީ ގޮތް ހުސްވެ ބާކީ ވާނެކަން ޔަގީންވީމައެވެ. ބަލަބަލަ ހުއްޓާ އެ ވިދާޅުވާ މިނިކާ ބާޒެއް އެދިޔައީ ޕާރޓީ ޖަހައިގަނެގެންނެވެ. އެއެއްޗެއް ދާނީ އެއެއްޗެއް ހޯދިގޮތަކަށެވެ.