18 ޖަނަވަރީ 2025

އުމަރުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

ކެންޑިޑެސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީޤުއާއި ހަވާލުކުރެއްވީ އުމަރު އަދި އޭނާގެ ރަނިން މޭޓް މާޒް ސަލީމްގެ އިތުރުން އޭނާއަށް ތާއީދުކުރާ ފަރާތްތަކުގެ ހާޟިރުގައެވެ.

ފޯމު ހަވާލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މަސްތުވާތަކެތި، މީހުން މެރުން އަދި އެހެން ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުން ފަދަ ގޮންޖެހުންތައް ހައްލުކުރާނެ ކަމަށާއި، މުޅިން އާ މިސްރާބަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެކަމަށެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އުމަރު ވާދަކުރެއްވިއެވެ. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އުމަރު އިސްވެ އުފެއްދެވި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައިގެން އޭރު ލިބިވަޑައިގަތީ 2,472 ވޯޓެވެ. އެއީ ޖުމުލަ ވޯޓުގެ އެންމެ 1.4 ޕަސެންޓެވެ.

2013 ވަނަ އަހަރު، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ވާދަކުރެއްވިއެވެ. ޕްރައިމަރީގައި އުމަރަށް 7،000 އެއްހާ ވޯޓު ލިބިވަޑައިގަތެވެ. ނަމަވެސް، އެ ޕްރައިމަރީގެ އިތުރުން އެ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕްރައިމަރީގައި 13،000 އެއްހާ ވޯޓު ލިބިވަޑައިގަތެވެ.

އެ ދެ ނާކާމިޔާބީއަށް ފަހު 2018 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަން އުމަރު އިއުލާން ކުރެއްވިއެވެ. އަދި އެންމެ ފަހު ވަގުތު ނިންމެވީ ވާދަނުކުރުމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތާއީދު ސޮއި ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 2،000 ސޮއި ހަމަކުރެވިފައިވާ ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރާނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހިމެނޭ ތާއީދު ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު