އަންނަ ސެޕްޓެންބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ފުރުސަތު ހުޅުވާލައި މިއަދު މެންދުރު 14:00 އަށް ވަގުތު ހަމަވިއިރު، ކުރިމަތިލައްވާފައިވަނީ 8 ބޭފުޅުންނެވެ.
އެެހެން ފަހަރުތަކުގެ އިންތިޚާބާ ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިތުރު ކަން ފާހަގަކުރެެވެއެވެ. އިންތިހާބުގައި ސިޔާސީ ފަސް ޕާޓީއަކުން ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، ދެން ވާދަ ކުރާ ތިން ކެނޑިޑޭޓުންނަކީ މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެނޑިޑޭޓުންނެވެ.
އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި ރަނިންމޭޓުން
- އެމްޑީޕީގެ ފަރާތުން ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް، ރަނިންމޭޓް، މުހައްމަދު އަސްލަމް
- ޕީއެންސީގެ ފަރާތުން މާލެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު، ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
- ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް، ރަނިންމޭޓް، ހުސެއިން އަމްރު
- ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހިމް، ރަނިންމޭޓް، ޑރ. އަމީން އިބްރާހިމް
- އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމް، ރަނިންމޭޓް، އަހުމަދު އަދީލް ނަސީރު
- އަމިއްލަ ގޮތުން އުމަރު ނަސީރު، ރަނިންމޭޓް، އަހުމަދު ސަލީމް
- އަމިއްލަ ގޮތުން ފާރިސް މައުމޫން، ރަނިންމޭޓް، ޑރ. އަބްދުއްސައްތާރު ޔޫސުފް
- އަމިއްލަ ގޮތުން ހަސަން ޒަމީލް، ރަނިންމޭޓް، މަރިޔަމް އަލީމް
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ފޯމް ހުށަހެޅުއްވިއެވެ. ނަމަވެސް އިލެކްޝަނުން ވަނީ އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް ބުނެ ފޯމު ބޭރުކޮށްލާފައެވެ. އެމައްސަލައާއި ގުޅިގެން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދިނަމަވެސް އެ މައްސަލަ ނިމިފައިވަނީ ވެސް އެމަނިކުފާނަށް ކުރިމަތި ނުލެއްވޭ ގޮތަށެވެ.
އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެނޑިޑޭޓުން ފިޔަވައި އެހެން ކެނޑިޑޭޓުންގެ ފޯމު އިލެކްޝަނުން ބަލައިގެންނެވިކަން ވަނީ ހާމަކުރައްވާފައެވެ.