އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، ދީނީ ޢިލްމުވެރިޔާ، އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝެއިހް އަލީ ޒައިދު މުއިއްޒުއަށް މަރުހަބާ ދަންނަވައި، ޕީޕީއެމަށް ބޮޑު ބަދަލެއް މުއިއްޒު ގެންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު ކުރެއްވި ޓްވިޓެއްގައި، ވިދާޅުވި ގޮތުގައި މުއިއްޒު މިވަނީ ޕީޕީއެމް ފަތަހަކޮށްފައި ކަމަށާއި، އެޕާޓީއަށް ބޮޑު ބަދަލެއް މުއިއްޒު ގެންނަވާނެ ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ޔާމީންގެ ދައުރު ނިމި އެބޭފުޅުން މިހާރު ރިޓަޔަރ ކުރަން ފެންނަ ކަމަށް ވިދާޅުވަމުން، އެ ދެބޭފުޅުންނަށްވެސް އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ޒައިދު ފާހަގަކުރެއްވިއެވެ.
Dr.Muizzu, PPM fathaha kurehvi kurehvumah Marhabaa!
Alhugandu dhekey gothugai RY aa RN ge era nimijje! Dhen ebeyfulhun retire kurehvumakee enme maslahathu bodu goi! Lafaa kurevey gothun PPM ah bodu badhaleh Muizzu gennavaane!
— Ali Zaid (@alizaid1000) August 6, 2023
ޝައިޚް މިހެން ވިދާޅުވިއިރު، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު، އެމަނިކުފާނު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަޣްލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.
އެހެންނަމަވެސް ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފައެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވެސް އަޣްލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.