އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖަހައިފިއެވެ.
ރައީސް ޞާލިހުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ. ނަމަވެސް ޖަލްސާ ބާއްވަން އޮތްތަނުގައި ހުޅު ޖެހުމުން ދަތުރުފުޅުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ރައީސް ޞާލިޙް މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ މީހުންނާ ބައްދަލުކުރަން ތައްޔާރުކުރި ތަނުގައި ހުޅު ޖެހުމުން ރަށުގެ ޖެޓީ ކައިރީގައި ޖަލްސާ ބޭއްވުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިދިކޮޅު ޕީޕީއެމް މެންބަރުން ގިނަ މަޑަވެލީގައި މިއަދު ރައީސް ޞާލިހާއި ދެކޮޅަށް މުޒާހަރާ ކުރަން ވެސް ޕީޕީއެމް މެންބަރުން އަންނަނީ ތައްޔާރުވަމުންނެވެ.
ރައީސް ޞާލިހްގެ ކެމްޕޭން ދަތުރުތަކާއި ދިމާކޮށް ވަރަށް ގިނަ ރަށްރަށުގައި މުޒާހަރާ ކުރަމުންދާއިރު، މިދިޔަ ހަފްތާގައި ރައީސް ޞާލިހް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް އެރަށުގައި ވެސް ބޮޑު މުޒާހަރާއެއް ކުރިއަށް ގެންދިޔައެވެ. އެމުޒާހަރާގެ ތެރެއިންނާއި އަދި އެދުވަހުގެ ރޭ ފުވައްމުލަކުން ބަޔަކު ހައްޔަރު ވެސް ކުރިއެވެ.
ރޭ ރައީސް ޞާލިހާއި ދެކޮޅަށް އިހްތިޖާޖު ކުރި ކުޑަހުވަދޫ ކައުންސިލަރަކު ވެސް އޭނާގެ ގޭގައި ހުންނަވަނިކޮށް ވަނީ ހައްޔަރުކޮށްފައެވެ.