Saturday, 13 April 2024

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު

އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އީސީ ވިދާޅުވީ އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުން ނެގުން،  މާދަމާ 16:30ގައި ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައި އޮންނާނެ ކަމަށެވެ.

ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެކަން ސިޓީއަކުން ހުށައަޅަންޖެހޭނެކަމަށް އީސީން ވިދާޅުވެއެވެ. އެހެންނަމަވެސް ކެންޑިޑޭޓް ނުވަތަ ބަދަލުގައި މީހަކު ހާޟިރު ނުވެއްޖެނަމަ އެ ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓަކުން މިވަނީ ނަން ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ނުކުތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

އެެހެން ފަހަރުތަކުގެ އިންތިޚާބާ ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިތުރު ކަން ފާހަގަކުރެެވެއެވެ. އިންތިހާބުގައި ސިޔާސީ ފަސް ޕާޓީއަކުން ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، ދެން ވާދަ ކުރާ ތިން ކެނޑިޑޭޓުންނަކީ މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެނޑިޑޭޓުންނެވެ.

އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި ރަނިންމޭޓުން

  • އެމްޑީޕީގެ ފަރާތުން ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް، ރަނިންމޭޓް، މުހައްމަދު އަސްލަމް
  • ޕީއެންސީގެ ފަރާތުން މާލެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު، ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
  • ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް، ރަނިންމޭޓް، ހުސެއިން އަމްރު
  • ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހިމް، ރަނިންމޭޓް، ޑރ. އަމީން އިބްރާހިމް
  • އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމް، ރަނިންމޭޓް، އަހުމަދު އަދީލް ނަސީރު
  • އަމިއްލަ ގޮތުން އުމަރު ނަސީރު، ރަނިންމޭޓް، އަހުމަދު ސަލީމް
  • އަމިއްލަ ގޮތުން ފާރިސް މައުމޫން، ރަނިންމޭޓް، ޑރ. އަބްދުއްސައްތާރު ޔޫސުފް
  • އަމިއްލަ ގޮތުން ހަސަން ޒަމީލް، ރަނިންމޭޓް، މަރިޔަމް އަލީމް

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ފޯމް ހުށަހެޅުއްވިއެވެ. ނަމަވެސް އިލެކްޝަނުން ވަނީ އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް ބުނެ ފޯމު ބޭރުކޮށްލާފައެވެ. އެމައްސަލައާއި ގުޅިގެން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދިނަމަވެސް އެ މައްސަލަ ނިމިފައިވަނީ ވެސް އެމަނިކުފާނަށް ކުރިމަތި ނުލެއްވޭ ގޮތަށެވެ.

އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެނޑިޑޭޓުން ފިޔަވައި އެހެން ކެނޑިޑޭޓުންގެ ފޯމު އިލެކްޝަނުން ބަލައިގެންނެވިކަން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *