ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް ތަންތަނުގައި ހުޅުޖަހައި އަލިފާން ރޯކުރަނީ ފޯކަސް ގެއްލުވާލައި ހަމަނުޖެހުން އުފައްދަން ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ބަނދަރު ކައިރީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރޭގައި ހިނގައި ދިޔައީ ހިތާމަވެރި ހާދިސާއެއް ކަމަށެވެ. ކެމްޕެއިން ކުރަމުންދާ އިރު، ވާދަވެރިންގެ ފަރާތުން އެކަހަލަ ކަންކަން މީގެކުރިން ވެސް ދިމާވި ކަމަށާއި މަގްސަދަކީ ފޯކަސް ގެއްލުވާލައި ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މަޤްސަދަކަށް ވަނީ ފޯކަސް ގެއްލުވާލުން. ހަމަނުޖެހުމަކާ ދިމާލަށް ގެންދިއުން. މީގެން ދޭހަވާ އެއް ކަމަކީ އަޅުގަނޑުމެން މި ކުރާ ކެމްޕެއިންގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބުވާ ތަން އަޅުގަނޑުމެންގެ ވާދަވެރިންނަށް ފެނުނީމަ އެކަން ހުއްޓުވަން ކުރާ ކަމެއް،"
ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވަނީ މަޑަވެލީގެ ރައްޔިތުން އެއްވެސް ގޮތަކަށް އެކަމާ މެދު ކަންބޮޑުވެވަޑައިނުގަތުމަށާއި، ޖަވާބު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އެދިވަޑައިގެންނެވިއެވެ.
ރައީސް ޞާލިހުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ. ނަމަވެސް ޖަލްސާ ބާއްވަން އޮތްތަނުގައި ހުޅު ޖެހުމުން ދަތުރުފުޅުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ރައީސް ޞާލިޙް މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ މީހުންނާ ބައްދަލުކުރަން ތައްޔާރުކުރި ތަނުގައި ހުޅު ޖެހުމުން ރަށުގެ ޖެޓީ ކައިރީގައި ޖަލްސާ ބޭއްވުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިދިކޮޅު ޕީޕީއެމް މެންބަރުން ގިނަ މަޑަވެލީގައި މިއަދު ރައީސް ޞާލިހާއި ދެކޮޅަށް މުޒާހަރާ ކުރަން ވެސް ޕީޕީއެމް މެންބަރުން އަންނަނީ ތައްޔާރުވަމުންނެވެ.
ރައީސް ޞާލިހްގެ ކެމްޕޭން ދަތުރުތަކާއި ދިމާކޮށް ވަރަށް ގިނަ ރަށްރަށުގައި މުޒާހަރާ ކުރަމުންދާއިރު، މިދިޔަ ހަފްތާގައި ރައީސް ޞާލިހް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް އެރަށުގައި ވެސް ބޮޑު މުޒާހަރާއެއް ކުރިއަށް ގެންދިޔައެވެ. އެމުޒާހަރާގެ ތެރެއިންނާއި އަދި އެދުވަހުގެ ރޭ ފުވައްމުލަކުން ބަޔަކު ހައްޔަރު ވެސް ކުރިއެވެ.
ރޭ ރައީސް ޞާލިހާއި ދެކޮޅަށް އިހްތިޖާޖު ކުރި ކުޑަހުވަދޫ ކައުންސިލަރަކު ވެސް އޭނާގެ ގޭގައި ހުންނަވަނިކޮށް ވަނީ ހައްޔަރުކޮށްފައެވެ.
ގުޅުންހުރި:
މަޑަވެލީގައި ރައީސްގެ ޖަލްސާއަށް ތައްޔާރުކުރި މާލަމުގައި ހުޅުޖަހައިފި
ކިޔުންތެރިންގެ ޚިޔާލުތައް:
މެންބަރުން ބޭނުން މީހުނަށް ފުލެޓް ދީފަ ބާކީ ޝަރުތު ހަމަނުވެޔޭ ސާބަސް