މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި، މިއަހަރު އޮންނަ ރިޔާސީ އިންތިޚަބަށް ކުރިމަތިލައްވާފައިވާ އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫންގެ އިތުރުން، މިނިވަން 2 ކެންޑިޑޭޓްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
ރިޔާސީ އިންތިޚާބުގައި، އަމިއްލަގޮތުން ވާދަކުރެއްވުމަށް، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، އޮނަރަބްލް އަޙްމަދު ފާރިސް މައުމޫން އާއި، އޮނަރަބަލް ޢުމަރު ނަސީރު އާއި، އަދި މއ. މާވެޔޮވިލާ އަލްފާޟިލް ޙަސަން ޒަމީލްގެ ކެންޑިޑެސީ ޤަބޫލުކުރެއްވި ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވިއެވެ.
3 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އަމިއްލަގޮތުން ވާދަކުރެއްވުމަށް، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، އޮނަރަބަލް ޢުމަރު ނަސީރު އާއި، އޮނަރަބްލް އަޙްމަދު ފާރިސް މައުމޫން ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބަލް ޢުމަރު ނަސީރު އާއި، އޮނަރަބްލް އަޙްމަދު ފާރިސް މައުމޫން، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ދެ ބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލުކުރައްވައިފިކަަމަށް އެކޮމިޝަނުން ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އަމިއްލަގޮތުން ވާދަކުރެއްވުމަށް، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، މއ. މާވެޔޮވިލާ އަލްފާޟިލް ޙަސަން ޒަމީލް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ޙަސަން ޒަމީލް އަކީ، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ޙަސަން ޒަމީލް ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލު ކޮށްފައިވާ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
އެކަން ހާމަކުރައްވާފައިވަނީ، އެކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓަކުން މިވަނީ ނަން ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ނުކުތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
އެެހެން ފަހަރުތަކުގެ އިންތިޚާބާ ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިތުރު ކަން ފާހަގަކުރެެވެއެވެ. އިންތިހާބުގައި ސިޔާސީ ފަސް ޕާޓީއަކުން ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، ދެން ވާދަ ކުރާ ތިން ކެނޑިޑޭޓުންނަކީ މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެނޑިޑޭޓުންނެވެ.
އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި ރަނިންމޭޓުން
- އެމްޑީޕީގެ ފަރާތުން ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް، ރަނިންމޭޓް، މުހައްމަދު އަސްލަމް
- ޕީއެންސީގެ ފަރާތުން މާލެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު، ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
- ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް، ރަނިންމޭޓް، ހުސެއިން އަމްރު
- ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހިމް، ރަނިންމޭޓް، ޑރ. އަމީން އިބްރާހިމް
- އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމް، ރަނިންމޭޓް، އަހުމަދު އަދީލް ނަސީރު
- އަމިއްލަ ގޮތުން އުމަރު ނަސީރު، ރަނިންމޭޓް، އަހުމަދު ސަލީމް
- އަމިއްލަ ގޮތުން ފާރިސް މައުމޫން، ރަނިންމޭޓް، ޑރ. އަބްދުއްސައްތާރު ޔޫސުފް
- އަމިއްލަ ގޮތުން ހަސަން ޒަމީލް، ރަނިންމޭޓް، މަރިޔަމް އަލީމް