"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް އަންނަ ދައުރުގައި ފްލެޓް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިހެން އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ.ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު މާލޭގެ ފްލެޓް ލިސްޓު އިއުލާން ކުރިއިރު, ޝަރުތު ހަމަވާ 13,000 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއިން ކޮންމެ މީހަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެއިން ފްލެޓު އަޅައިދީ ހަވާލުކޮށްދޭނަން،"
ރައީސް ޞާލިހް ވިދާޅުވިއެވެ.
ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ދެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ބެލުމުގެ ދަށުން ހިނގާ ދެ މަޝްރޫއެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސަވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.
ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވާއިރު، ހުޅުމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫތަކުން އެޅުމަށް ނިންމާފައިވަނީ 4000 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ، 18 ބުރީގެ 32 ޓަވަރެވެ. އެއީ ދެ ކޮޓަރީގެ 1200 އެޕާޓްމެންޓާއި 3 ކޮޓަރީގެ 2800 އެޕާޓްމެންޓެވެ. އެތަންތަނުގެ މަސައްކަތްވެސް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ..
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ހަދާ ހުރިހާ ފްލެޓުތައް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅާއި 2025 ގެ ފަހުކޮޅެވެ.