ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި 26 އަހަރުގެ މީހާ ކޯޓުގައި ވަނީ ވައްކަން ކުރިކަމަށް އިއުތިރާފްވެފައެވެ. އޭނާ ބުނެފައިވަނީ، ވައްކަންކުރީ "ބަނޑުހައިވެގެން" ކަމަށެވެ.
އޭނާ ކުރީ ކުޑަ ވައްކަމެއް ނަމަވެސް ބަންދަށް 15 ދުވަހު އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރު ކުރީ އޭނާ އަކީ ކުށުގެ ރެކޯޑް ގިނަ މީހަކަށް ވާތީ އެކަމަށް ބަލައިފަ ކަމަށް އަމުރުގައި ވިދާޅުވިއެވެ.
ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑްތަކުގެ ތަފްސީލެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
ކޯޓު އަމުރުގައިވަނީ، އޭނާ ބަންދުކުރުމަށް ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަކަށްޓަކައެވެ.
ކުދިކުދި ކުއްތައް ކުރާ މީހުން ބަންދުކޮށް، ބޮޑެތި ކުއްތަކަށް އަރައިގަންނަ މީހުން ބަންދުން ދޫކޮށްލާފައި ބޭތިއްބުމަކީ އިންސާފު ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.