Friday, 11 October 2024

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން އެމްޑީޕީ މެނިފެސްޓޯގައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެ ވަނަ ދައުރެއް ލިބިއްޖެނަމަ، ސުކޫލުތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދޭން އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެނިފެސްޓޯގެ ފުރަތަމަ ބައި، "އުފާވެރި ދިރިއުޅުން" ރޭ ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތައުލީމާއި ސިއްހަތާއި އަންހެނުން އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮށްދޭނެ ސިޔާސަތުތައް ހިިމެނެއެވެ.

"މާދަމާގެ މީހާ މިއަދު" ގެ ނަމުގައި އާންމުކުރި ތައުލީމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން ފަހިކޮށްދޭން ވަނީ ހިމަނާފައެވެ.

މެނިފެސްޓޯގައި މިކަން ހިމަނަން ނިންމި ސަބަބަކީ، ރާއްޖެއިން ބޭރަށް ކުދިން ތައުލީމު ހާސިލް ކުރަން ދާއިރު ވެސް އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިފައި އޮތުމަކީ ހަޔާތުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި، ދީން ދިރާސާ ކުރެވޭނެ ގިނަ ފޮތްތައް ވެސް ހުރީ އިނގިރޭސި ބަހުން ކަމަށް ވާތީ އެކަމަށް އެހީއަކަށް ވެވޭނެ ކަމަށްވެސް ފާހަގަ ކުރެއެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތަކީ އެޑިއުކޭޝަނަލް ޓުއަރިޒަމްއަށް ފަހިވާގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތަކަށްހަދާނެ ކަމަށް މެނިފެސްޓޯގައިވެއެވެ. ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމްކުރާނެ ކަމަށް ވެސް ހިމެނިފައިވެއެވެ.

މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

  • ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިންފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުން
  • ލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސަރވިސް ޔުނިޓެއް ގާއިމުކުރުން
  • ތަފާތު އެކި ހުނަރު ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ސްކިލް ބޭސްޑް ސްކޮލާޝިޕް ތައާރަފްކުރުން
  • ހުނަރު ތަރައްގީކުރެވޭނެ ހަބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން
  • އާބާދީ ބޮޑު ސަހަރައްދުތަކުގައި ދަނާލުތައް ގާއިމްކުރުން

ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެއައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފްކޮށް، ބޮންޑް ޤާނޫނަށް އަމަލުކުރުން ހުއްޓާލާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވަނީ މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރާނެ ކަމަށެވެ.

މީގެއިތުރުން، ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތުދެވޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު