ދަތުރުކުރަމުންދިޔަ ދެ ބޯޓު އިޓަލީވިލާތުގެ ލެންޕެދޫސާގެ އައްސޭރިފަށަށް ފެތި، އެ ބޯޓުތަކުގައި ތިބި މީހުންގެ ތެރެއިން 30 މީހުން ގެއްލިއްޖެއެވެ.
ހިޖުރަކުރާ މީހުންނާ ބެހޭ އ.ދގެ ޖަމުޢިއްޔާ، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމު)ން ބުނީ ދެ ބޯޓުގައި ވެސް ތިބީ ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރި މީހުން ކަމުގައެވެ.
އެއް ބޯޓުން 28 މީހުން ގެއްލިފައިވާއިރު، ދެ ވަނަ ބޯޓުން އިތުރު ތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އައި.އޯ.އެމުން ބުނެއެވެ. ދެ ބޯޓު ވެސް ފެތިފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ދެ ބޯޓަކީ ވެސް ތޫނިސްގެ ޞަފާޤިސުން ފުރައިގެން ވިލާތަށް ދަތުރުކުރި ދެ ބޯޓެވެ. އެއީ، ވަރަށް ބައުވެ، ހަލާކުވާން ކައިރިވެފައިވާ ދެ ބޯޓު ކަމަށް ރިޕޯޓުތައް ބުނެއެވެ.އިޓަލީވިލާތުގެ ސިޗީލިޔާ ކައިރީގައި އޮންނަ އަގްރިޖެންތޯގެ އޮފިޝަލުން މިހާރު ދަނީ މި ހާދިސާތައް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަމުންނެވެ.
އެ ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ރިޗީފަރީ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މެޑިޓެރޭނިޔަން ކަނޑުގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމުގައި އެ ސަރަޙައްދުގެ މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ކުރެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން އެހެން ބޯޓެއް ފަރަށް އަރައި، އޭގައި ދަތުރުކުރި 20 ވަރަކަށް މީހުން ލެންޕެދޫސާގެ އައްސޭރިފަށުގެ ގައުގިނަ ސަރަޙައްދެއްގައި ތާށިވެފައިވާ ކަމުގައި ވެސް އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވިއެވެ. އެ މީހުން ސަލާމަތް ކުރަން ލެންޕެދޫސާގެ ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި ފެން ފޯރުކޮށްދީފައިވާއިރު، ވަޔާއި ކަނޑު މަޑުވުމުން އެ މީހުން ސަލާމަތް ކުރެވޭނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.
މެޑިޓެރޭނިޔަން ކަނޑަކީ އެފްރިކާގެ ބައްރުގެ ޤައުމުތަކުގެ މީހުން ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން ބޭނުންކުރާ މައި މަގެކެވެ.