އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އެއްކޮށް އެއްގަލަކަށް އަރައި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ރުކުރުވާލައިފިއެވެ.
އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ބައެއް ސެނެޓަރުން ތާއީދު ކުރުމާއި އެކީ ދެޕާޓީ ދެމެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިގެން ދިޔަނަމަވެސް މިރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނިގެން ދިޔައީ ލީޑަރޝިޕްގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތައް ދޫކޮށްލާފައިވާ މަންޒަރެވެ.
މިރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް މަސައްކަތް ކުރަމުން އައީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ފުރުސަތު ހޯދައި ދެވޭތޯ ކަމަށެވެ. ނަމަވެސް މި އަނިޔާވެރި ސަރުކާރުގެ ސަބަބުން އެކަމެއް ނުކުރެވުނު ކަމަށާއި އެހެންކަމުން މިރޭ އެބޭފުޅުން ނިކުމެތިބީ، ރައީސް ޔާމީން ކުރިއަށް ވަޑައިގަތުމަށް އެންގުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ، ގައުމާއި ރައްޔިތުންނަށް އިސްކަން ދެއްވައި އިންތިހާބުގައި އެބޭފުޅުން ވާދަ ކުރުމަށް ފުރުސަތު ދެއްވީތީ އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ، ﷲގެ އިރާދަފުޅުން ސަޕޯޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތާއި އެކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނިޔާވެރި ސަރުކާރު ކުރިއަށް އޮތް އިންތިހާބުގައި ބަލި ކުރައްވާނެ ކަމަށެވެ.
ދެ ޕާޓީގެ ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި އަދި ލީޑާޝިޕް ބޭފުޅުން ގުޅިގެން މިހާރު ޕާޓީ އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އޭނާ މިތަނުގައި ހުއްޓަސް މި މަގާމަކީ ރައީސް އަބްދުﷲ ޔާމީންގެ މަގާމެއް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނާއި އެ ޕާޓީގެ ހުރިހާ މެންބަރުންނާއި ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ރިޔާސީ ޓިކެޓެެއް އެރުވުނީ އެމަނިކުފާނަށް އެއީ ދިވެހިންގެ ރައީސް. އެމަނިކުފާނަކީ އަޅުގަނޑުމެންގެ މި ގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ބޭނުންވާ ލީޑަރު"،
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަނިޔާވެރިކަމާއި އެކީގައި އެމަނިކުފާނު ހުންނެވީ ޖަލުގައި ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެމަނިކުފާނު މިނިވަން ނުކޮށް އެންމެ ފަހުން ކެންޑިޑެސީ ކޭސްގައިވެސް އެމަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަން ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.