Saturday, 15 June 2024

ޔާމީން ގެއަށް ބަދަލްކޮށްދޭން ރައީސް އަރިހުގައި އާދޭސް ދެންނެވިން: ޑރ.މުއިއްޒު

ރައީސް ޔާމީންއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވަޑައިނުގެނެވޭނެހެން ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި އެކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށް ގުޅުއްވައި، ރައީސް ޔާމީން ގެއަށް ބަދަލްކޮށްދިނުމަށް އެދިވަޑައިގެންފައިވާނެކަަމަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ ދެ ޕާޓީގެ ލީޑަރޝިޕުގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، ރައީސް ޞާލިހްއަށް ފޯނުން ގުޅުއްވައި ރައީސް ޔާމީން ގެއަށް ބަދަލްކޮށްދެއްވުމަށް އެދި އާދޭސް ދަންނަވާފައިވާކަމަށެވެ.
"އަޅުގަނޑު ދެ ޕާޓީގެ ހުރިހާ ރައްޔިތުންނަށްވެސް ދޭ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާ މަސައްކަތްކޮށް އިންތިހާބު ކާމިޔާބުކޮށް އިންޝާﷲ ދެން އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަން ކުރުން. އެކަން އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއަކީ. އެންމެ އިސް މަސައްތަކަށް ވާނެ.".
ޑރ. މުއިއްޒު ވިދާޅުވިއެެވެ.
ރައީސް ޔާމީންއަށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ހުރިހާ ހައިސިއްޔަތެއް ގެއްލިފައިވުމާއި އެކު، އެމަނިކުފާނު ޖަލުގައި ބައިންދައިގެން އިތުރު އަނިޔާތަކެއް ދިނުމުގެ ބަދަލުގައި ގޭ ބަންދަށް ބަދަލްކޮށް އެމަނިކުފާނުގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ރައީސް އަރިހުގައި ދަންނަވާފައިވާނެކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޞާލިހް ދެއްވި ޖަވާބެއް ނުވަތަ ވިދާޅުވި ބަހެއް ޑރ.މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.

ޕީޕިއެމް ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޕާޓީގެ ލީޑަރޝިޕްއިން ހާމަކޮށްފައިވަނީ ޑރ. މުއިއްޒުއާއި ހުސައިން މުހައްމަދު ޙުސައިން މުޙައްމަދު ލަޠީފް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީންގެ ފުރިހަމަ ތާޢީދާއި އެކުގައި ކަމަށް ވިދާޅުވިއެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ކެމްޕޭނުގެ ދަށުން މިހާރު އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޑރ.މުޙައްމަދު މުޢިއްޒުކަމަށާއި، އެމަނިކުފާނުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ކަމަށް އިދިކޮޅުން ހާމަކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ދެ ކެންޑިޑޭޓުންނަކީ ރައީސް ޔާމީން އެންޑޯސްކުރައްވާފައިވާ ދެ ކެންޑިޑޭޓުން ކަމަށް ބުނެފައިވެއެވެ. ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއެކު އިދިކޮޅު އިއްތިހާދުގެ އާންމު މެންބަރުންގެ އެއްބާރުލުމާއެކު، ލީޑާޝިޕުގެ ބޭފުޅުން ތިއްބެވީ އިންތިޚާބު ކާމިޔާބުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް މާދަމައިން ފެށިގެން ކުރަން ތައްޔާރަށް ކަމަށެވެ.

އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީޕީއެމްގެ ސަރުކާރު ޤާއިމުވުމާއެކު، ފުރަތަމަ ދުވަހުގައި ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށްވެސް އިދިކޮޅުން ހާމަކުރެއްވިއެވެ.

މާދަމާއިން ފެށިގެން އިދިކޮޅުގެ ރަސްމީ ރިޔާސީ ކެމްޕޭން ފަށާނެކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު