25 ޖަނަވަރީ 2025

ވަލީމާގެ އުފަލުގައި، ހިނިތުން ކުރުވާނެ ހެޔޮ ނަސޭޙަތެއް

ޒަވާޖީ ޙަޔާތެއް ފަށައިގަތުމަށްޓަކައި ބޭއްވޭ ވަލީމާގެ އުފާވެރި ހިނދުކޮޅަށްފަހު، ކައިވެނީ އުފާތައް ލިބިގަތުމަށްޓަކައި، ދެމަފިރިންނަށް ދޭން އޮތް ހެޔޮ ނަސޭޙަތެއް އެބައޮތެވެ.

އެކެއް އަނެއްކެއް ދެކެ، އިޚްލާޞްތެރި ލޯތްބެއް ވާށެވެ. ކޮންމެ ހިނދުކޮޅެއްގައި، ކޮންމެ ވަގުތެއްގައި، ކޮންމެ ދަނޑިވަޅެއްގައި، ކޮންމެ ޙާލަތެއްގައިވެސް ލޯބީގެ މަތިވެރި ގުޅުން ބާއްވަން ހަނދާން ކުރާށެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، ހިތްދަތި އިޙްސާސްތަކުން އަރައިގަތުމަށް ލޯބީގެ ހަތިޔާރުން ހިތްތައް ފަތަހަ ކުރާށެވެ.

މި ޒަމާނަކީ ފޯނުގެ ވަސީލަތްތަކާއެކު މުވާސަލާތު ކުރުމުގެ މަގު ތަނަވަސްވެފައިވާ ޒަމާނެކެވެ. މުހިއްމު ބޭނުންތަކާއި ދިރިއުޅުމުގެ ކަންކަން ޙިއްސާ ކުރުމުގައި ފޯނުގެ ޒަރީޢާއިން ފޯރުކޮށްދޭ ކޮންމެ މެސެޖެއްގައި، ކޮންމެ ވާހަކައެއްގައިމެ އަސަރެއް ވާކަން ދަނެ، ފިރިމީހާ ކުރާ ކޯލުތައްވެސް އަދި އަނބި މީހާ ކުރާ ކޯލުތަކަށްވެސް ގަވާއިދުން ޖަވާބު ދެވޭތޯ މަސައްކަތް ކުރާންޖެެހެއެވެ.

ދެމީހުން އެކުގައި ވަގުތު ހޭދަކުރުމަށް އިސްކަން ދޭށެވެ. އެކީގައި ތަންތަނަށް ހިނގާލަން ދިއުމާއި، ކާލަން ދިއުންފަދަ ކަންކަން ކޮށްލުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދާނެ ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ މުހިއްމު ކަންކަމުގައި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ަމަތިން އަބަދުވެސް ހަނދާން ކުރަންޖެހެއެވެ. އެމީހުން އެދޭ ކަންކަމުގައި އެހީތެރިވާންޖެހެއެވެ. އަދި ރަނގަޅު ރައްޓެހިންގެ މަދަދާއި އެހީތެރިކަމާއެކު ދިރިއުޅުމުގެ ކަންކަން ބައްޓަންކޮށް، ދިިރިއުޅުން ވަރުގަދަ ކުރާށެވެ. ނުބައި ރައްޓެހިން ތިބިކަން ފާހަގަވާ ހިނދުން ފެށިގެން އެމީހުންނާ ދުރުވެ، ސަލާމަތްވުމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

ދިރިއުޅުމަކީ ހަނގުރާމައެކެވެ. މިއަދު އުފާވެރިކަމެއް ލިބުނަސް މާދަމާ ހިތާމަވެރިކަމެއް ލިބިދާނެއެވެ. ކޮންމެ ކަމަކީވެސް ދިރިއުޅުމުގެ އިމްތިޙާނެެވެ. އެކަންކަމާ ކުރިމަތި ލުމުގެ ހިތްވަރު ހުންނަންޖެހެއެވެ. ކޮންމެ ދަނޑިވަޅެއްގައިވެސް ހިނިތުންވާން ދަސްކުރާންޖެހެއެވެ.

ދިރިއުޅުމުގެ ދަތުރުގައިވެސް ތަފާތު ކޮޅިގަނޑުތައް ލައިގަންނާނެއެވެ. ދެބަސްވުންތައްވެސް ހިނގާނެއެވެ. ދެމަފިރިންގެ ދެމެދުގައި ޚިޔާލު ތަފާތުވާ ފަހަރު ފަހަރުވެސް އަންނާނެއެވެ. ގޮތް ދޫނުކޮށް، ބުނާ ބަހުގައި ހިފަހައްޓައި، ބިންދައިގެން ދަންދެން ހިފަަހައްޓާ މީހާއަކީ އެންމެ މޮޅު މީހާއެއް ނޫނެވެ. އަދި އެންމެ ކާމިޔާބު މީހާއެއްވެސް ނޫނެވެެ. ދޫދޭންޖެހޭ ތާ ދޫދޭށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު