ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން މުޒާހަރާއަށް ނުކުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ދޭތެރޭ އަމަލު ކޮށްފައިވާ ގޮތަކީ އެއީ އެންމެން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 273 މީހުން ހިމެނޭ އިރު، އެމައްސަލައިގައި އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރުވީމާ އެއީ އިންސާފުގެ ގޮތުގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާޢީދު ހޯއްދެވުމަށް ރައީސް ނަޝީދު ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ޒިޔާރަތްކުރައްވަމުންނެވެ. އަދި އެޕާޓީގެ މެނިފެސްޓޯ ހާމަކުރެއްވުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަވާ ކަން ފާހަގަކުރެވެއެވެ.