ކުރީގެ މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނަކީ، ރައީސް މައުމޫންގެ ޒަޢާމަތުގައި އެތަކެއް ވުޒާރާގެ ވަޒީރުކަން ކުރައްވައި، ޤައުމަށް ތަރައްޤީއާއި ކުރިއެރުން ގެންނެވުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޤާބިލު ސިޔާސީ ލީޑަރެކެވެ. ކުޅަދާނަ ހިންގުންތެރިއެކެވެ. ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައާއި، ފަހުން އެމްއާރްއެމް އުފެއްދުމުގެ މަސައްކަތުގައިވެސް ރައީސް މައުމޫންްގެ އަރިހުގައި ކަމާލުއްދީން މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެެވެ.
ފާރިސްގެ ކެމްޕެއިން ޙަރަކާތްތައް މިހާރު ފަށާފައިވާއިރު، އިއްޔެ މާލޭގެ އެކި ސަރަޙައްދުތަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލު އަޑުއައްސަވައި، ފާރިސްގެ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދެވިއެވެ. އެގޮތުން މާލޭގެ ގެތަކަށް ވަޑައިގަތުމުގެ އިތުރުން އެކި ސަރަޙައްދުތަކުން ރައްޔިތުންނާއި ބަދަލުކުރައްވާފައިވެއެެވެ. މީގެއިތުރުން، ބަނދަރު މަތީގެ ސަރަޙައްދުތަކަށްވެސް ފާރިސް ވަނީ ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ރަނިން މޭޓް، ޑރ އަބްދުއްސައްްތާރު ޔޫސުފާއި، އެމްއާރްއެމްގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ، އަޙްމަދު ފާރިސް މައުމޫން ކެންޑިޑެސީ ފޯމު، އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާފައިވާއިރު، އޭނާއަށް ތާޢީދުކޮށް 2600 އަށް ވުރެ ގިނަ ސޮއި ލިބިފައިވެއެވެ.
2008 ގައި އެމެރިކާ އަދި ފަރަންސޭސި އާކިޓެކްޓުންގެ އެހީއާއި އެކު ދިވެހިރާއްޖޭގައި ފުރަތަމަ ތަސައްވުރު ކުރެވުނު ބްރިޖްއާއި މޫންބޭ މެރީނާގެ ކޮންސެޕްޓާއި، ފްލޯޓިންގް ސިޓީގެ ކޮންސެޕްޓަކީ ފާރިސްގެ އިސް ރޯލެއް އޮތް ތަސައްވުރުތަކެކެވެ. އަދި 2013 އިން ފެށިގެން ރައީސް ޔާމީންގެ އިޤްތިޞާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ "އައި ހޭވަން" ޕްރޮޖެކްޓްގެ ވިލަރެސް ކުރައްވާ ޒުވާން ވިޔަފާރިވެރިންނަށް ހުޅުވާލެވުނު ގެޓް ސެޓް ލޯން ފަދަ ކަންކަމުގެ އެންމެ އިސް އެއް މޭސްތިރިއަކަށް ހުންނެވީ ފާރިސްއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް އީ ޒެޑް) ބިލް ވުޖޫދު ކުރުމުގައި އުސްތާޒް ނަޝީދާއިއެކު ކުރެއްވި މަސައްކަތް ފާހަަގަ ކޮށްލެވެއެވެ.
ފާރިސްގެ ރަނިންމޭޓް، ޑރ. އަބްދުއްސައްތާރު ޔޫސުފަކީ، ޞިއްޙީ ދާއިރާގައި ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ޑަބްލިޔުއެޗްއޯގައި 17 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ، ބައިނަލްއަޤްވާމީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ބައިނަލްއަޤްވާމީ މައިދާނުގައި ބަސްވިކޭ ހަރުދަނާ ބޭފުޅެކެވެ. ހަމައެހެންމެ، ދީނާ ޤައުމުގެ ޙައްޤުގައި މަސައްކަތްކުރައްވާނެ ޤައުމީ ބޭފުޅެކެވެ.