ސަރުކާރުގެ "ގެދޮރުވެރިޔާ ހައުސިންގ ސްކީމް" ގެ ދަށުން ފްލެޓް ލިބޭފަރާތްތަކުގެ ވަގުތީ ލިސްޓް އިއުލާނުކުރުމާއެކު ހީލަތްތެރިންގެ މަކަރާއި އޮޅުވާލުން އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އަބަދުވެސް ހީލަތްތެރިންނަށްވުރެ އެއްފިޔަވަޅު ކުރީގައި ތިބެމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ ހައުސިންގ ސްކީމް" ގެ ދަށުން ފްލެޓް ލިބޭފަރާތްތަކުގެ ވަގުތީ ލިސްޓް އިއުލާނުކުރުމާއެކު ހީލަތްތެރިންގެ މަކަރާއި އޮޅުވާލުން އިތުރުވުމަކީ އެކަށީގެންވާކަމެއް. އަބަދުވެސް ހީލަތްތެރިންނަށްވުރެ އެއްފިޔަވަޅު ކުރީގައި ތިބެމާ!
— Maldives Police (@PoliceMv) August 9, 2023
މީގެ އިތުރުން، ސޯސަލް މީޑިއާގައި "ހުދާ ހީފަމް"ގެ ނަމުގައި އެކައުންޓެއް ހަދައިގެން އިންވެސްޓްކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މީހެއްގެ އެކައުންޓާމެދު ސަމާލުވުމަށް ވެސް ފުލުހުން އެދިވަޑައިގެންފިއެވެ.
"ހުދާ" އަމަލުކުރާ ގޮތަކީ އަސްލު މީހެއްގެ ފޮޓޯ އޭނާގެ ޕްރޮފައިލްގައި ބޭނުން ކުރާ ކަމަށާއި، މިއީ ސްކޭމް ކުރާ ފަރާތަކީ އަސްލުވެސް އެމީހާ ކަމަށް ދެއްކުމަށްޓަކައި ކުރާ ކަމެއް ކަމަށާއި، ގިނަ ފަހަރަށް ޕްރޮފައިލްގައި ފޮޓޯ ބޭނުން ކުރާ އަސްލު މީހާއަށް އެމީހެއްގެ ފޮޓޯ ބޭނުންކޮށްގެން ސްކޭމެއް ހިންގާކަން ނުވެސް އެނގޭ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ސްކޭމްގެ އެކައުންޓުތައް އާންމުކޮށް ހިންގަނީ އިންސްޓަގްރާމް އަދި ފޭސްބުކްގައެވެ. ސްކޭމްގައި މީހުންނަށް މެސެޖުކޮށް ފޮރެކްސް ޓްރޭޑިން އެކައުންޓް މެނޭޖަރެއް ކަމަށް ނުވަތަ އެފަދަ ކަންކަން ކުރާ މީހެއް ކަމަށް މީހުން ކައިރީ ބުނެ އޮޅުވާލުމަށް މަސައްކަތްކުރެ އެވެ. އަދި ކުޑަ އެއްޗެއް އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ނެރެވޭ ކަމަށް ބުނެ މީހުން އެވިޔަފާރިއަށް ހިތްޖައްސުވައިގެން ލާރި ހޯދަ އެވެ. ފޮރެކްސް ޓްރޭޑް ކޮށްގެން ބޮޑު ފައިދާއެއްވާ ކަމަށް ހެކީގެ ގޮތުގައި ދައްކަނީ ފޭކް ސްލިޕްތަކާއި ފޭކް ޗެޓް ތަކެކެވެ. އަދި މީހުން އެ މީހަކާ މެދު ދައްކާފައި ހުންނަ ރަނގަޅު ވާހަކަތައް ދައްކައި އެހެން މީހުންގެ ލޯތްބާއި އިތުބާރު ހޯދަންވެސް މަސައްކަތް ކުރެ އެވެ.
މީހުން މިކަންކަމާމެދު ހޭލުންތެރިނުވުމުގެ ސަބަބުން އެމީހާގެ ބަހަށް ހެއްލި ބައެއް ފަރާތްތަކުން ލާރި އެ އެކައުންޓުތަކަށް ޖަމާކޮށް، އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެ ލާރި އެމީހަކަށް ގެއްލިގެން ދެއެވެ.
މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު ސްކޭމްތަކަށް ހޭލުންތެރިވެ ނޭނގޭ މީހުންނަށް ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.