Thursday, 18 April 2024

އަވަގުރާނަ ގޮވުނީތީ ރަފިއްޔާ މަޢާފަށް އެދިވަޑައިގެންފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން، ގދ. ގައްދޫއަށް ކުރެއްވި ދަތުރުފުޅުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ނައިބުރައީސް، އައިޝަތު ރަފިއްޔާއަށް އަވަގުރާނަ ގޮވުނީތީ އެކަމަށް އޭނާ މަޢަފަށް އެދިވަޑައިގެންފިއެވެ.

ގދ. ގައްދޫގައި އޮތް ޖަލްސާގައި އޭނާ އައުގުރާނަ ގޮވިކަމަށް ބުނެ، ނޫސްތަކުގައި އެވާހަކަ ރިޕޯޓުކޮށްފައިވާކަން ފާހަގަކުރައްވައި ރަފިއްޔާ ވިދާޅުވީ، އޭނާ ދެއްކެވި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އަވަގުރާނަ ގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫންކަމަށާއި، އެ އިބާރާތް ބޭނުންކޮށްފައި ވާނީ، ދިވެހި މުހާވަރާއެއް ބޭނުންކޮށް، ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި ކަމަށެވެ.

އެހެންނަމަވެސް އެ އިބާރާތް ބޭނުންކުރެވިފައިވާ ގޮތުގެ ސަބަބުން، އޭނާ ބޭނުންކުރި މާނައާއި ވިސްނުމާ ޚިލާފު މާނައެއް އެ އިބަރާތުން ކުރެވޭކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭތީ، ޖުމުލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން ރަފިއްޔާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވިއެވެ. އެގޮތުން އެއްވެސް ލަދެއް، ހަޔާތެއް ނެތި އަގަލެއް ސަގަލެއް ނެތި، ރަފިއްޔާ އަވަގުރާނަ ގޮވާފައިވާތީ އެކަން ކުށްވެރިކޮށް، އަދަބު އަޚްލާޤް ނުދަންނަ މީހުން ސިޔާސީ ޕޯޑިއަމްތަކަށް ވާހަކަދައްކަން އެރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ބޭއަދަބީ ވާހަކަތަކެއް ދެއްކެވިކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ރަފިއްޔާއަށް ކުރާތީ އެކަމަށް އޭނާ މައާފަށް އެދިވަޑައިގެންނެވިއިރު، އެމްޑީއޭގެ ލީޑަރު، އަހްމަދު ސިޔާމް ދައްކަވާ ބައެއް ވާހަކަފުޅުތަކަށް ވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި  ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ލަދުވެތި ކަމެއް ނެތި ބޭއަދަބީ ބަސްތައް ބޭނުން ކުރުމުން ފާޑުކިޔުން އަމާޒުވިއެވެ.

ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓުތައް ހުރީ ހަތަރު ފަރާތުން ރާޅު ވަންނަ ގޮތަށް ކަމަށް ވިދާޅުވެ، ރަފިއްޔާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސްކަން ކުރެއްވި ބޭފުޅަކު މާލޭގައި ފެންފޯއް ރުއް އިންދި ކަމަށާއި ނަމަވެސް ފެން ފޯ ރުއް އިންދުމުން ދެން ޖެހޭނީ ….. އޭ ވިދާޅުވެ ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކެވިއެވެ.

ރައީސް ޞާލިހު އާއި މިނިސްޓަރުންގެ އިތުރުން އެމަނިކުފާނުގެ ކެމްޕެއިން ޓީމް އަދި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި ޖަލްސާއެގައި ޕޯޑިޔަމަށް އަރާހުރެ ރަފިއްޔާ ފާޅުގައި އައުގުރާނަ ގޮވަމުންދިޔައިރު، ރައީސް ޞާލިޙްގެ އިތުރުން ހޯމް މިނިސްޓަރ ޝައިޚް އިމްރާން އިންނެވީ ހިނިފުޅުވަޑުވާށެވެ.

އެމްޑީއޭއަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވާ ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއެވެ. ދެން ހިމެނެނީ އަދާލަތު ޕާޓީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *