އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވަޑައިގަންނަވާތީ ގއ. ވިލިނގިލީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ރައީސް ޞާލިހް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މިހާރު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުން ދަނީ އެރަށު ބަނދަރު ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. ފުލުހުން އެމީހުން ފަހަތަށް ޖައްސާލާފައިވާތީ، އެ މީހުން މުޒާހަރާ ކުރަމުން ދަނީ ބަނދަރު ސަރަހައްދާއި ވަރަށް ދުރުގައެވެ.
އަދި ބަނދަރު ސަރަހައްދުގައި އެސްއޯ ފުލުހުން ރިއޮޓް ގިޔަރުގައިވެސް ދަނީ ހަރަކާތްތެރިވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިހާރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށިގެން ދާއިރު، ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު އިދިކޮޅުން މުޒާހަރާތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ހުއްުޓުވަން ފުލުހުން ހަރަކާތްތެރިވަމުންދާ ކަންވެސް ފާހަގަކުރެވެއެވެ،