ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު މިއަދު ދޮރުން ދޮރަށް ހިންގެވުމުގެ ކެމްޕޭން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓްތަކުގައި ކުރިއަށް ގެންދަވައިފިއެވެ.
މުއިއްޒުގެ ކެމްޕޭނަށް އެމަނިކުފާނުގެ އަރިހުގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާއި ޕީޕީއެމް، ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.
މުއިއްޒު ވަނީ ހިޔާ ފްލެޓްގެ އެކި ޓަވަރުތަކަށް ވަޑައިގެން އެތާގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ވަނީ ބައްލަވާލައްވާލައްވާފައިވާއިރު، ރައްޔިތުންގެ ފަރާތުން އައި ޚިޔާލުތަކާ މަޝްވަރާތައް އަޑުއައްސަވާފައިވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނިކުންނަވާ ކެމްޕޭން ފެއްޓެވީ މީގެ ދެދުވަސް ކުރިންނެވެ. މުއިއްޒު ގެންދަވަނީ އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.
އަދި ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕްގެ ފުރިހަމަ ތާޢީދު އޮތްކަން އެބޭފުޅުންވަނީ ހާމަކުރައްވާފައެވެ. ރައީސް ޔާމީންގެ ތާޢީދު ލިބިވަޑައިގަތުމުން، މުޢިއްޒު ކެންޑިޑެންސީ ފޯމް ހުށަހެޅުއްވުމުން، ޕީޕީއެމްގެ އާންމު މެންބަރުން ދަނީ މުޢިއްޒުއަށް ތާއީދުކޮށް، ރަަށްރަށުގައިވެސް ކެމްޕެއިންތައް ހިންގަމުންނެވެ.