ގޯތި ލިބޭ މީހުންނަށް ލިޔުން ހަވާލުކުރުމާއި، ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތުނެގުންވެސް މިމިމަސްތެރޭގައި އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީން މިހާރު ދަނީ، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމްގެދަށުން 5000 ގޯތި ދޫކުރައްވާނެ ކަމަށް ސަރުކާރުންވަނީ އިޢުލާންކުރައްވާފައެވެ. އެއީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކަމަށް ހައުސިންގ މިނިސްޓްރީ ވިދާޅުވެފައިވެއެވެ.
ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ގޯއްޗަށް ހުޅުވާލި މުއްދަތުގައި 15000 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. މީގެތެރެއިން 12794 މީހެއްގެ ޝަރުތު ހަމަވާ ކަމަށް އާންމު ކުރި ލިސްޓްގައިވެއެވެ. ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް ނެރުމުގެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލިސްޓް އިޢުލާން ކުރެއްވުމަށް ތައްޔާރުވަމުންދާކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ހާމަކުރައްވާފައެއް ނެތެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، މިހާރު ހުރި ބިމަށް ބަލާއިރު ހުޅުމާލެއިން 1250 އަކަފޫޓުގެ 2200 ގޯތި ދެވޭކަމަށެވެ. އަދި ގުޅީފަޅުން 3600 ގޯތީގެ ބިން ކަނޑައަޅާފައިވާކަމަށެވެ. މީގެއިތުރުން ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމަށް މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމުން އިތުރަށް ބިން ލިބޭނެކަމަށެވެ. މިދެ މަޝްރޫޢުގެވެސް %50 މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.
މި ސަރުކާރުން އިޢުލާންކުރައްވާފައިވަނީ، އިޢުލާންކުރެއްވި 5000 ގޯތީގެ އިތުރުންވެސް، އިތުރަށް ގޯތި ދެއްވާނެކަމަށެވެ.